ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަލަސްތީނުގެ ޣައްޒާގައި ފީލްޑް ހޮސްޕިޓަލެއް އަޅައި ދިނުމަށްޓަކައި އެހީތެރިވުމަށްޓަކައި ބޭނުންވާ ސިއްހީ ވަސީލަތްތައް މިސްރަށް ފޮނުވައިފި އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި ކުށެއް ނެތް އާންމުންނަށް ހަމަލާދޭތާ މިއަދަށް އެއް މަސް ފުރިފައިވާ އިރު، ބައެއް ހޮސްޕިޓަލްތައް ފުރުމާއި ކަރަންޓު ނެތިގެން ހިދުމަތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން ޣައްޒާގައި ޒަހަމްވެފައިވާ ބައެއް މީހުންނަށް އެކަށީގެންވާ ފަރުވާ ނުދެ އެވެ. އިސްރާއީލުން ވަނީ ޣައްޒާ އަށް ތެޔޮ ފޯރުކޮށް ނުދީ ހުއްޓުވައިފަ އެވެ.

ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް-ނަހްޔާން ވަނީ ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮޕަރޭޝަނެއް ފައްޓަވައިފަ އެވެ. އެގޮތުން، އިއްޔެގެ ވަގުތެއްގައި ޔޫއޭއީގެ ވެރިރަށް އަބޫ ދާބީން ފުރައިގެން ފަސް ކާގޯ މަތިންދާ ބޯޓެއް ވަނީ މިސްރަށް ގޮސްފައެވެ. މި މަތިންދާ ބޯޓުގައި 150 އެނދަށް ހިދުމަތް ދެވޭ ވަރުގެ ވަސީލަތްތައް ހުއްޓެވެ.

މި ފީލްޑް ހޮސްޕިޓަލްގައި ސާޖަރީ ކުރެވޭ ވަސީލަތްތަކާއި އޯތޮޕެޑިކްސް، ޕެޑިއަޓްރިކްސް، ގައިނޮކޮލޮޖީ އަދި އިންޓެންސިވް ކެއާ ޔުނިޓާ ގުޅޭ ވަސީލަތްތައް ހިމެނެ އެވެ.

ޔޫއޭއީ އިން ވަނީ ފަލަސްތީނުގެ 1،000 ކުޑަކުދިންނާއި އާއިލާއެއް، ޔޫއޭއީ އަށް ގެންގޮސް، އެ ގައުމުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް 20 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 10،022 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 4،104 ކުޑަކުދިން ހިމެނެއެވެ. މި ހަމަލާތަކުގައި 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.