ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަން ޔަގީންވި ނަމަވެސް ތިބީ ކިހާ މީހުންނެއް ކަން އަދިވެސް ޔަގީން ނުވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި އުންމީދު ކުރައްވަނީ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ސިފައިން ފޭބުމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ފޭބުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ސާފެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދެއް އަދި ސާފު ނުވާ ކަމަށެވެ.

"އިންޑިއާ ސިފައިން ތިބި ކަމާ މެދު އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މައުލޫމާތު ލިބިފައިވޭ. ސަރުކާރުން ވެސް އެކަން ކޮންފާމްކޮށްދެއްވާފައިވޭ. ހަމަ އެހެންމެ އިންޑިއާ ސަފީރާ އިންތިހާބީ ރައީސް ބައްދަލުކުރެއްވި ބައްދަލުވުމުގައި ވެސް އިންޑިއާ ސަފީރު އެކަން ފާހަގަކުރައްވާފައިވޭ،" ފިރްޒުލް ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ތިބި އަދަދާ ގުޅޭ ގޮތުން ސަރުކާރުން ފާހަގަކުރަމުން ގޮސްފައިވާ އަދަދުތަކެއް އެބަހުރި ކަމަށާއި އޭގެ އިތުރުން އެހެން ދިމަދިމާލުން ވެސް އަދަދުތަކެއް ލިބިފައި ހުރުމުން އެ އަދަދުތައް ޔަގީން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރްޒުލް ވިދާޅުވީ އިންޑިއާ ސިފައިންނާ ގުޅޭ ކަންތައްތަކުގައި ދެ ބައެއްވާ ކަމަށެވެ. އެއް ބަޔަކީ އިންޑިއާއާ އެކު ހެދި އެއްބަސްވުންތައް ކަމަށާއި އަނެއް ބަޔަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު 2021ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންގައި އެ ގައުމުގެ 75 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.