މެޑްރާސް ގޮޅިއޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ގިނަ މީހުންނަށް ނޭނގިދާނެ އެވެ. އެހެން ނަމަވެސް އޭގެ ގޮޅިޖޮހި ގަމީސްތަކާއި ހެދުންތަކަކީ ދިވެހިންނަށް ވެސް އާ ފެޝަނެއް ނޫނެވެ.
އެއްކުލައަށްވުރެ ގިނަ ކުލަ ނުވަތަ އެއް ކުލައެއްގެ ތަފާތު ޝޭޑްތައް އެކުލަވައިގެން ގޮޅިތަކެއްގެ ސިފަ ގެނުވައިފައިވާ މިފެޝަނަކީ މީގެ އެތައް އަހަރެއް ކުރިއަށް ބަލާއިރުވެސް އޮތް ފެޝަނެކެވެ.
ނަމުން ވެސް އެނގޭނެހެން މި ފެޝަން ވުޖޫދަށް އައީ އިންޑިއާގެ އައްސޭރި ރަށެއް ކަމަށްވާ މެޑްރާސްއިންނެވެ. އެއީ މިހާރުގެ ގޮތުންނަމަ ޗެންނާއީ އެވެ.
އާއްމުކޮށް ކޮޓަން ފޮތީގައި ކޮށް އުޅުނު ޑިޒައިން އެކި ފޭރާންތަކުގައި އޭރު ވެސް ބޭނުން ކުރެވުނެވެ. އެގޮތުން އެންމެ ހާއްސަ ކުރެވެނީ އެ ސަރަހައްދުގެ ފިރިހެނުން ލާ މުންޑެވެ.
އޭގެ ފަހުން އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް މި ފެޝަނަށް ފަނޑުކަމެއް އައިސްފައެއް ނުވެ އެވެ. އޭރާއި މިހާރާ ހުރި ހަމައެކަނި ތަފާތަކީ އެ ފެޝަން ބޭނުން ކުރެވެމުން އަންނަ ގޮތެވެ.
ކުރިއަށް ބަލާއިރު މި ފެޝަނަކީ ގޭތެރޭގައި ލައި އުޅޭ އާއްމު ހެދުންތަކަށް އެކަށޭނަ ޑިޒައިނަކަށް ވި ނަމަވެސް މިއަދު މި ޑިޒައިންގައި ރަސްމީ ގަމީސްތަކާއި ފަޓުލޫނުތައް ވެސް ފެނެ އެވެ.
މެޑްރާސް ގޮޅީގެ އެންމެ ހާއްސަ އެއް ކަމަކީ އެއީ ދެޖިންސުގެ މީހުންނާ ވެސް ގުޅޭ ޑިޒައިނެއް ކަމެވެ. ފިރިހެނުންގެ ގަމީސްތަކުން ފެށިގެން އަންހެނުންގެ ހެދުންތަކުގައި ވެސް މެޑްރާސް ގޮޅި ހަމަ އެއްވަނަ އެވެ.
ދވެހިންގެ ތެރެއަށްވެސް ކިތަންމެ ފެޝަން ޓްރެންޑެއް އައިސް ގޮސްފި އެވެ. އެހެން ނަމަވެސް މެޑްރާސް ގޮޅި ފަދައިން ވައިގައި ހިފި ފެޝަންތައް ވަރަށް މަދެވެ.