1998 އަށްވަނަ އަހަރު ރިލީޒްކުރި ފިލްމު "އަމާނާތް" އަކީ އަދިވެސް ދިވެހިން ތެރޭގައި އެންމެ މަގުބޫލު އެއް ފިލްމެވެ.

ރާއްޖޭގެ އެންމެ މަގުބޫލު އެއް ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ޕްރޮޑިއުސްކޮށް މަހުދީ އަހުމަދު ޑައިރެކްޓަރު ކުރި ފިލްމެކެވެ. މި ފިލްމު ވަނީ ތިން ވަނަ ގައުމީ ފިލްމު އެވޯޑުގައި 12 އެވޯޑެއްވެސް ހާސިލުކޮށްފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ އަލީ ހާލިދާއި ޖަމްޝީދާ އަހުމަދާއި ފާތުމަތު ރަމީޒާ އެވެ. މީގެ އިތުރުން އިއުޖާޒް ހާފިޒް، އަބްދުލް ސައްތާރު، މަރިޔަމް ނާއިޝާ، އާމިނަތު ސޫޒަން، މުހައްމަދު ހަސަން އަދި އިބްރާހިމް ރަޝީދު މިފިލްމުން ފެނިގެންދެ އެވެ.

"އަމާނާތް" ފިލްމު ރިލީޒްކުރިތާ 25 އަހަރުވެފައިވާއިރު އަދިވެސް ފޫހިކަމެއް ނެތި ބަލައިލެވޭނެ ފެންވަރުގެ މޮޅު ފިލްމެކެވެ. އަދި މި ފިލްމުގައި ހިމެނޭ ލަވަތަކަކީ މިއަދުވެސް ގިނަ ދިވެހިންނަށް ކަމުދާ ރީތި ލަވަތަކެކެވެ.

ފިލްމު އަމާނާތުގައި ފެނިގެންދާ ބައެއް ތަރިން

ދިވެހިންނަށް އެންމެ ކަމުދާ ދިވެހި ފިލްމުތަކުގެ ލިސްޓުގެ ފުރަތަމަ ފަހަކުން މި ފިލްމު ޖާގަ ހޯދަމުން އަންނައިރު މި ފިލްމަކީ އަސަރުން ފުރިގެންވާ ރީތި ފިލްމެކެވެ.

ފިލްމަށް 25 އަހަރު ފުރުނު މުނާސަބާތުގައި ޕްރޮޑިއުސަރު ޓެޑްރީ ފޭސްބުކުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އަމާނާތް ފިލްމަކީ ވަރަށް ހާއްސަ ފިލްމެއް ކަމަށާއި މި ފިލްމުގެ އެކްސްޕީރިއަންސް އަކީ ވަރަށް ހާއްސަ އެކްސްޕީރިއެންސެއް ކަމަށެވެ. ފިލްމުގެ މުޅި ކާސްޓަށާއި ކްރޫ މެންބަރުންގެ އިތުރން އާއިލާ އާއި ގާތް ރަހުމަތްތެރިން ދިން ސަޕޯޓުގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމަށާއި އަބަދުވެސް ކައިރީގައި ހިއްވަރުދޭން ތިބީތީ އެމީހުންނަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

https://www.facebook.com/photo/?fbid=10159295538631174&set=pcb.10159295538706174

ފިލްމު ރިލީޒްކުރި ދުވަހު ހަވީރު ނޫހަށް ދިން އިންޓަވިއުއެއްގައި ޓެޑްރީ ބުނީ ފިލްމު ރިލީޒްކުރެވުމުން ހިތުގައިވާ ރިހުންތައް ފިލައިގެން ދިޔަ ކަމަށެވެ. ފިލްމު "ދެރިޔާ" ރިލީޒްކުރި ރޭ ވެސް އެހާ އުފާނުވާ ކަމަށް ޑެޓްރީ ވަނީ އޭރު ބުނެފަ އެވެ. އަދި ފިލްމު އަމާނާތް އަކީ އަމިއްލަ އުފެއްދުމެއް ކަމަށާއި ފިލްމު ރިލީޒްކުރެވުމުން ރިހުންތަކެއް ފިލައިގެން ދިޔަ ކަމަށް ޓެޑްރީ އޭރު ހަވީރު ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

https://www.youtube.com/watch?v=CHbYROMxZ2g&t=3s

"އަމާނާތް" ގެ ލަވަތައް އަދިވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ. މި ފިލްމުގެ އެންމެ ގަޔާވާ އެއް ކަމަކީ ވެސް ރީތި ލަވަތަކެވެ. "އަމާނާތު" ގެ ލަވަތަކުގެ ތެރެއިން އުމަރު ޒާހިރާއި ފާތުމަތު ރައޫފު ކިޔާފައިވާ "އޯގާވެރިވޭ ލޯބިވާ" އާއި އަލީ ރަމީޒާއި ފަޒީލާ އާމިރް (ފަޒީ) ކިޔަފާފައިވާ "މި ހިތާ ލޯބި ދޭނަން" އަދި މުހައްމަދު ހުޒާމް ކިޔާފައިވާ "ތުއްތު މޫނާ" ލަވަ ވަކިން ފާހަގަކޮށްލެވެ އެވެ.

"އަމާނާތް" އަކީ ވިޔަފާރީގެ ގޮތުން ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ. ހައުސްފުލް އެތައް ޝޯއެއް ދެއްކި އެވެ. ތަކުރާރުކޮށް އެތައް ބަޔަކު 1998 ގައި ވެސް މި ފިލްމް ބެލި އެވެ.

މި ފިލްމަށް އޭރުގެ ކްރިޓިކުން ވެސް ވަނީ ވަރަށް ބޮޑަށް ތައުރީފު އޮއްސައިފަ އެވެ.

މިއީ ޓެކްނިކަލް ހުނަރުތަކުގެ އިތުރުން ފިލްމުގެ ވާހަކަ އާއި އެ ވާހަކަ އަށް ދިރުމާއި ރޫހު ގެނެސް ދިން މޮޅު ތަރިންތަކަކާއި އާ ޑައިރެކްޓަރެއްގެ ހުނަރު އެކުވެގެން ހެދި ހަނދާނުން ފިލުވާލަން ދަތި ފިލްމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

https://www.youtube.com/watch?v=doVEfNp03_0

އެޓާނަލް ޕިކްޗާސްގެ ފިލްމް "އަމާނާތް" ރިލީޒް ކުރިތާ 25 އަހުރު ވެގެން ގޮސްފައިވާއިރު މިފިލްމަކީ މާލެ އާއި އައްޑޫގައި ޝޫޓް ކޮށްފައިވާ މިފިލްމެކެވެ. އަދި މިފިލްމު މިހާރު ޔޫޓިއުބުންވެސް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ފިލްމަކީ ޝޭކަރު ކަޕޫރު 1983 ގައި ޑައިރެކްޓް ކުރި ހިންދީ ފިލްމު "މައުސޫމް" އަސްލަކަށް ބަލައިގެން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.