ގާޒާގެ މަގު ތަކުގައި އިޒުރޭލު ސިފައިންނާއި އަލް ގައްސާމު ބްރިގޭޑުގެ މުޖާހިދުންގެ މެދުގައި ހޫނު ހަމަލާތައް ބަދަލު ކުރެވެމުން އެބަދެ އެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒުރޭލުން ފަށާފައިވާ ހަމަލާތަކުގައި ވައިގެ މަގުން މެދުނުކެނޑި ބޮން އަޅަމުން ގެންދާއިރު މިހާރު ވަނީ ގާޒާގެ އެތެރެއަށް ވަދެގަނެ ބިންމަތީގެ ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ.

މުޖާހިދުންނާ ހަވާލާދީ އަލް ޖަޒީރާ އިން ޚަބަރު ދޭ ގޮތުގައި އިޒުރޭލުގެ ސިފައިން އަންނަނީ ގާޒާ ސިޓީގެ އެތެރެއަށް ވަދެގަންނަން މަސައްކަތް ކުރަމުންނެވެ. އެހެނަސް ހަމާސްގެ މުޖާހިދުންގެ ދިފާއުގެ ސަބަބުން އިޒުރޭލު ސިފައިންނަށް ސިޓީ ތެރެއަށް ވަދެގަންނަން ވަނީ ދަތިތަކަކާ ކުރިމަތި ވެފަ އެވެ.

ބިންމަތީގެ ހަމަލާތައް ކުރިޔަށް ދާއިރު އިޒުރޭލުން އަންނަނީ މެދު ކެނޑުމެއް ނެތި ބޮން އެޅުން ވެސް ކުރިޔަށް ގެންދަމުންނެވެ. އިޒުރޭލުގެ ހަނގުރާމަމަތީ ލަޝްކަރު މިހާރު ވަނީ ޖެނީންގެ ރެފިއުޖީ ކޭމްޕްތަކަށް ވެސް ވަދެ، ގެތައް ބިމާހަމަކޮށް ހަތިޔާރު އެޅި ސިފައިންގެ ބަޔަކު ފެނޭތޯ މަސައްކަތް ކުރަމުންނެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ބިންމަތީގައި ކުރާ ހަނގުރާމައިގައި ވެސް ފަލަސްތީނުގެ އާންމުން އަންނަނީ މަރުވަމުންނެވެ.

އިޒުރޭލުގެ ދިފާއީ ވުޒާރާއާ ހަވާލާދީ ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމާސްގެ ބައެއް ޓަނަލްތައް ސިފައިން ވަނީ މިހާރު ހޯދައިފަ އެވެ. އެ ޓަނަލަތައް ހަލާކުކޮށްލުމަށް ޓާގެޓްކޮށް ބޮން އަޅަމުން އަންނަ ކަމަށް ވެސް އިޒުރޭލުން އަންނަނީ ބުނަމުންނެވެ.

ގާޒާގެ ސިޓީތެރޭގައި ބިން މަތީ ހަނގުރާމަ ކުރިޔަށްދާ އިރު ގާޒާގެ ހުރިހާ ރައްޔިތުން ދެކުނު ގާޒާގެ ވަކި ތަންކޮޅަކަށް ބަދަލުވުމަށް އިޒުރޭލުން އަންނަނީ އަންގަމުންނެވެ. އެކަމަށްޓަކައި ވަނީ ވަރަށް ދަތި އުނދަގޫ މަގެކެވެ. އެހެނަސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ފައިމަގުގައި ދެކުނު ގާޒާ އަށް ދަތުރު ކުރަމުންނެވެ.