ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާގެ އަންހެނުންނާއި ދަރިފުޅު ބަޔަކު ރަހީނު ކުރަން މަސައްކަތް ކޮށްފި އެވެ.

ބްރެޒިލްގެ ނޫހެއް ކަމަށްވާ "އާރް7"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތިޔާރާ އެކު ދެ މީހަކު ބްރެޒިލްގެ ސައުޕޯލޯގައި ހުންނަ ކޮންޑެމީނިއަމްއެއްގެ އެ ޕާޓްމަންޓަކަށް ވަނީ ވަދެފަ އެވެ. އެގުރޫޕު އެޕާޓްމަންޓަށް ވަދެފައިވަނީ ނޭމާގެ އަންހެން ދަރިފުޅާއި އޭނާގެ އަންހެނުން ހޯދުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އެހެންނަމަވެސް އެވަގުތު އެމީހުން އެތަނުގައި ނޫޅޭ ކަމަށްވެ އެވެ.

ގޭގައި އެ ވަގުތު ތިބީ ނޭމާގެ އަންހެނުން ބްރޫނާ ބިއަންސިއާޑީގެ މައިންބަފައިނެވެ. އެމީހުން އެގަޔަށް ވަދުމަށްފަހު އެމީހުން ވަނީ ބަނދެފަ އެވެ. ނަމަވެސް އެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބްރެޒިލްގެ މުނިސިޕަލް ސިވިލް ގާޑް (ޖީސީއެމް)އިން އާންމުކުރި ސީސީޓީވީ ފުޓޭޖަކުން ފެންނަ ގޮތުގައި ތިން މީހަކު ހިމެނޭގޮތަށް އެ މީހުން އެ ގެއަށް ގޮސްފައިވަނީ ކާރެއްގައެވެ. އޭގެ ތެރެއިން އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ޖީސީއެމްއިން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހުންނަށް ނޭމާގެ ދަރި ނުހޯދުނު ނަމަވެސް، ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ބްރޫނާގެ ލަގްޒަރީ އަތްދަބަސްތަކަކާއި ގަޑިތަކެއް އަދި ގަހަނާތަކެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސައޫދީ އަރަބިއްޔާގެ އަލް ހިލާލްއަށް ކުޅެމުންދާ ނޭމާއަށް ދިމާވި އަނިޔާއަކާ ގުޅިގެން އޭނާގެ ފައިގެ އޮޕަރޭޝަނެއް ކޮށްފައިވާތީ އޭނާ މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. އެހެންކަމުން ނޭމާއާއި އަންހެނުން އަދި މިދެމަފިރިންނަށް މިދިޔަ މަހު ލިބުނު އަންހެން ދަރިފުޅު މިވަގުތު ހުރި ތަނެއް ނޭނގެ އެވެ.