މަލްޓި މިލިއަން ކުންފުނި ސިޓަޑޭލްގެ ހަރަދުގައި އެކުންފުންޏާއި އެކުންފުނީގެ އެހެން ގޮފިތަކުގެ 1200 އެއްހާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާއަށް ޗުއްޓީއެއް ހަދިޔާ ކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސިޓަޑޭލްގެ 30 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިންތިޒާމްކުރި އެޗުއްޓީ ދަތުރު އޮތީ މިދިޔަ މަހުގެ 27-29 އަށް ޖަޕާންގެ ޓޯކްޔޯގަ އެވެ.

އެ ދަތުރުގެ ބައިވެރިން ޓޯކްޔޯ ޑިޒްނީ ލޭންޑަށް ޒިއާރަތްކޮށް އެތަނުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން މެރޫން 5ގެ މިއުޒިކް ހުށައަޅުންތަކެއް ވެސް ބަލާފައިވެ އެވެ.

މި ދަތުރުގައި ހޮންގްކޮންގް، ސިންގަޕޫރު، ޝަންހާއީ އަދި ގުރުގްރާމްގައި ހިންގާ ސިޓަޑޭލްގެ ގޮފިތަކުގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާ ބައިވެރިވި އެވެ. އޭގެ ތެރޭގައި 300 ކުޑަކުދިން ވެސް ހިމެނެ އެވެ.

މި ދަތުރުގެ ތެރެއިން މުވައްޒަފުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ކުންފުނީގެ ފައުންޑަރު ކެން ގްރިފިން ވަނީ އެކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށް ބުނެފަ އެވެ.

ސިޓަޑެލްގެ މި ހަރަކާތަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު އެ ކުންފުންޏަށް އާއްމުންނާއި ވިޔަފާރި ޖަމިއްޔާތަކުގެ ތައުރީފް ވެސް ވަނީ ލިބިފަ އެވެ.