ދިވެހި ފެޝަން އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ކަމުގެ އުންމީދުގައި ދާދި ފަހުން ބޭއްވި "ހައުސް އޮފް ނަދާ" ގެ ކުލަގަދަ ފެޝަން ޝޯއަށް ފަހު، އެ ބްރޭންޑަށް މިވަނީ ބޮޑެތި ފާޑުކިޔުންތަކަކާއި ކޮޕީރައިޓްގެ ސީރިއަސް ތުހުމަތުތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
މީޑިއާތަކުގައި މި ވާހަކަ ދެކެވެން ފެށީ، އެ ބްރޭންޑުން އަމިއްލަ އުފެއްދުންތަކެއްގެ ގޮތުގައި ބޮޑު އަގުގައި ވިއްކަމުންދާ ހެދުންތަކަކީ ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ގެނެސްފައިވާ ހެދުންތަކެއްކަން ފަޅާއެރުމާ ގުޅިގެންނެވެ.
"ޝީން"، "އެސޮސް" އަދި "އީބޭ" ފަދަ ޕްލެޓްފޯމްތަކުގެ ހެދުންތަކެއް ބޮޑު އަގުގައި؟
ސޯޝަލް މީޑިއާގައި އާންމުންނާއި ފެޝަން ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ، ހައުސް އޮފް ނަދާއިން ދާދި ފަހުން ނެރުނު ބައެއް ހެދުންތަކާއި، "ޝީން"، "އެސޮސް" އަދި "އީބޭ" ފަދަ ބޭރުގެ އޮންލައިން ފިހާރަތަކުގައި ވިއްކަން ހުރި ހެދުންތަކާ ހުރި އެއްގޮތްކަން ފޮޓޯތަކާއެކު އާންމުކޮށްފަ އެވެ.
ތުހުމަތު ކުރެވޭ ގޮތުގައި، އެ ބްރޭންޑުން ވަނީ ކުޑަ އަގުގައި އޮންލައިންކޮށް ލިބެން ހުރި އާދައިގެ ހެދުންތަކެއް ރާއްޖެ ގެނެސް، އެއީ އަމިއްލައަށް ފަރުމާކުރި "ހައި-އެންޑް" ހެދުންތަކެއް ކަމަށް ބުނެ އެތައް ގުނައެއް ބޮޑު އަގުގައި ވިއްކާފަ އެވެ.
މިފަދަ ކަމެއް ފަޅާ އެރުމަކީ، އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ އަދި ދިވެހި ޑިޒައިނަރުންނަށް ސަޕޯޓުކުރަން ބޭނުންވާ ގިނަ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެކެވެ.
ސޯޝަލް މީޑިއާގެ ހޫނު ބަހުސް އަދި އާންމުންގެ ނުރުހުން
މި މައްސަލައާ ގުޅިގެން ޓްވިޓަރ އަދި އިންސްޓަގްރާމްގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ މީހުން ފާހަގަކުރާ ގޮތުގައި، ކޮޕީ ޑިޒައިންތަކެއް ނުވަތަ ބޭރުން ގަންނަ ހެދުމެއް އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަކީ ކަސްޓަމަރުންނަށް އޮޅުވާލުމެވެ. އެއާއެކު މިއީ ވިޔަފާރީގެ އަޚުލާގީ މިންގަނޑުތަކާ ވެސް ޚިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
"ދިވެހި ފެޝަން އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް" ގެނެސްދޭނެ ކަމަށް ބުނެ ބޭއްވި ޝޯއަށް ފަހު، މިފަދަ ކަމެއް ހާމަވުމުން އެ ބްރޭންޑުގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ.
ދިވެހި ފެޝަން އިންޑަސްޓްރީއަށް ކުރާނެ އަސަރުމި މައްސަލައަކީ ހަމައެކަނި އެއް ބްރޭންޑަކަށް އަމާޒުވި ފާޑުކިޔުމަކަށް ވުރެ ބޮޑަށް، މުޅި ދިވެހި ފެޝަން އިންޑަސްޓްރީގެ އިތުބާރާ ގުޅިފައިވާ ކަމެކެވެ.
ރާއްޖޭގައި ވަރަށް ބުރަ މަސައްކަތުން އަމިއްލަ ޑިޒައިންތައް ތައްޔާރުކުރާ ހުނަރުވެރި ޑިޒައިނަރުން މަސައްކަތް ކުރަމުންދާއިރު، މިފަދަ އޮޅުވާލުންތަކުގެ ސަބަބުން އެ ފަރާތްތަކުގެ މަސައްކަތުގެ އަގުވެސް ވެއްޓި، އާންމުންގެ މެދުގައި ދިވެހި އުފެއްދުންތަކާމެދު ޝައްކު އުފެދުމުގެ ފުރުސަތު ބޮޑެވެ.
މި ތުހުމަތުތަކާ ގުޅިގެން "ހައުސް އޮފް ނަދާ" ގެ ފަރާތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ފެޝަން ދާއިރާގެ ގިނަ ބަޔަކު ދަނީ މި ކަމުގައި އެ ބްރޭންޑްގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.
ބްރޭންޑްގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް އެ ވިޔަފާރީގެ ވެރި ފަރާތް ނަދާ ޝައުގީގެ 5000 އަށްވުރެ ގިނަ ފޮލޯވަރުން އެކުލެވޭ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީގައި މި މައްސަލައަށް ނުސީދާ ރައްދެއް ދެމުން އޭނާޔ ބުނީ ހައުސް އޮފް ނަދާއަކީ އަބަދުވެސް ދިވެހިން ބޭނުންވާ ފަދަ ތަފާތު އުފެއްދުންތައް ދިވެހިންނަށް ގެނެސްދޭ ވިޔަފާރިއެއް ކަމަށެވެ.
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
"އާވާރާޕަން 2"އާއެކު އިމްރާން ވެސް 100 ކްރޯޑް ކްލަބަށް!
ބްރެޑްގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާން ކޮށްފި