އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުގެ މަންދޫބެއްގެ ގޮތުގައި ފޮނުވާނީ އެ ގައުމުގެ އާތު ސައިންސް މިނިސްޓަރު ކިރެން ރިޖީޖޫ ކަން އެނގިއްޖެ އެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އެކުވެރި ހުރިހާ ގައުމުތަކަށް ފޮނުވާފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިނުގަންނަވާނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މިއަދު ބުނެފައިވަނީ އެ ރަސްމިއްޔާތުގައި އެ ގައުމުގެ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އާތު ސައިންސް މިނިސްޓަރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި، މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ވަޑައިނުގެންނެވޭ އެއް ސަބަބަކީ ހުކުރު ދުވަހު އޮންނަ ޖީ20ގެ ވޮއިސް އޮފް ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭތީ އެވެ. ޖީ20ގެ ރިޔާސަތު މިހާރު ބަލަހައްޓަމުން ގެންދަނީ އިންޑިއާއިންނެވެ.

އިންޑިއާ ސަރުކާރުގައި އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޖިޖޫ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ މެއި މަހުގެ 18 ގަ އެވެ. ރިޖިޖޫގެ މިނިސްޓަރު ކަމުގެ ދަށުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-3 ހަނދުގެ ބިމަށް ޖެއްސުމުންނެވެ.

މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝީއެން ވައި އައިޖިން ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވި އިރު، ރައީސް ސޯލިހް ހުވާ ކުރެއްވުމަށް ނޮވެމްބަރު 17، 2018 ގައި ބޭއްވި ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވި އެވެ. އިންތިހާބީ ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ވަކި ގައުމަކާ އެކު މާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތެކެވެ.