ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމުގެ އިތުރު ދައުރަކަށް އަލީ ނަޝާތުމިއަދު އައްޔަންކުރައްވައިފި އެވެ.

އީސީގެ މެމްބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެގޮތުން ޖުލައި 25، 2018 ގައި ނަޝާތު އައްޔަން ކުރި އިރު، އޭނާގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް ސޯލިހް މަޖިލިހަށް ފޮނުއްވީ މިދިޔަ މަހުގެ މެއި މަހު އެވެ. ނަޝާތު އީސީ އަށް އައްޔަންކުރަން މަޖިލިހުން އިއްޔެ ފާސް ކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެމްބަރު ކަމަށް ނަޝާތު އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހް، އޭނާއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ލިޔުން ހާވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި އީސީގެ މެންބަރު ކަމުގެ ހުވާ ނަޝާތު ކުރެއްވި އެވެ. ނަޝާތަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ނަޝާތުއާ އިންޓަވިއުކޮށް، އާންމުންގެ ހިޔާލާއެކު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކުރީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ.

އީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއިލް ހަބީބާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.