އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ވިދާޅުވެ އިޒްރޭލަށް ތުރުކީގެ ރައީސް ރަޖްބް ތައްޔިބް އުރުދުޣާން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާ މުޚާތަބުކުރައްވައި އުރުދުޣާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިޒްރޭލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާ ކަމަށެވެ. ހަމަ އެއާއެކު އެމަނިކުފާނު ވިދާޅުވީ ހަމާސްއަކީ ފަލަސްތީނުގެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސިޔާސީ ޕާޓީއެއް ކަމަށާއި ފަހަރެއްގައި ވެސް ޓެރަރިސްޓް ގްރޫޕެއް ނޫން ކަމަށް ވިދާޅުވި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ބޭއްވި އެހެން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ރައީސް ވިދާޅުވީ އިޒްރޭލުން ގާޒާ ސުންނާފަތިކޮށް ފަލަސްތީނުގެ ހިފާފައިވާ އެހެން ބިންތަކުގައި ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާ މެދު ބައިނަލްއަގުވާމީ ޖަމާއަތްތަކުގައި އަޑުއުފުލުމުގެ މަސައްކަތް ތުރުކީ އިން ކުރާނެ ކަމަށެވެ.
އިޒްރޭލަކީ ޓެރަރިސްޓް ގައުމެކޭ ވަރަށް ސާފުކޮށް ވިދާޅުވާ ކަމަށް ވިދާޅުވަމުން އުރުދުޣާން ވިދާޅުވީ އިޒުރޭލުން ގާޒާ ސުންނާފަތި ކޮށްލައި ހިންގަމުން ގެންދާ ހަނގުރާމައި ކުށްތަކާއި ޖަރީމާތަކަށް ތާއީދުކޮށް، އެ ކަންކަމަކީ ހުއްދަ ކަންކަން ކަމަށް ހަދަން މަސައްކަތް ކުރާ ފަރާތްތައް ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
އުރުދުޣާންގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ތަލްއަވީވުގައި ވާހަކަފުޅު ދައްކަވަމުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ތުރުކީގެ ރައީސަށް އޭނާއަށް ލެކްޗަރެއް ނުދެވޭނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވީ އުރުދުޣާނަކީ ޓެރަރިސްޓު ޖަމާއަތް ހަމާސްއަށް ތާއީދުކޮށް އެހީތެރިވާ މީހެއް ކަމަށެވެ.
ނަތަންޔާހޫ އަށް އުރުދުޣާން ގޮވައި ލެއްވީ އިޒްރޭލުގައި ނިއުކުލިއާ ބޮން ހުރިކަން ނުވަތަ ނެތް ކަން ދުނިޔެއަށް ހާމަކުރުމަށެވެ. ނަތަންޔާހޫގެ މައްސަލަ ދުނިޔޭގެ ކޯޓަށް ގެންދަވާނެ ކަމަށް ވިދާޅުވަމުން އުރުދުޣާން ވިދާޅުވީ ނަތަނަޔާހޫއަށް އޭނާގެ މަގާމު ގެއްލެން މާގިނަ ދުވަހެއް ނެތް ކަމަށެވެ.