ދައުރު ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށް ކުއްލި ގޮތަށް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހއ. އިހަވަންދޫ، އަންބަރީގެ އަބްދުލްމާނިއު ހުސައިން އައްޔަން ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މާނިއު ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައިވަނީ ޖޭއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ހާއްސަ ރަސްމިއްޔާތުގައި މާނިއު ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް ރިޓަޔާކުރެއްވުމަށް ހުށަހަޅުއްވައި ޖޭއެސްސީ އިން އެކަން ގަބޫލުކޮށް އޭނާގެ ބަދަލުގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން މާނިއުއާ އެކު ހަ ބޭފުޅުން ކުރިމަތިލެއްވި އެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މާނިއު މިމަހުގެ 12 ވަނަ ދުވަހު އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ ވެސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވުމަށެވެ.

މާނިއުއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓާ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ މާނިއު އަދާކުރައްވާފައިވާއިރު ޝަރުއީ ދާއިރާގައި 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެ އެވެ.