ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަން އިންޑިއާއިން ސާބިތުކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޑިއާގެ މިނިސްޓަރު އޮފް އާތު އެންޑް ސައިންސަސް، ކިރަން ރިޖިޖޫއާ އެކު ރައީސް އޮފީހުގައި މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވަނީ، މިނިސްޓަރު ރިޖިޖޫއަށް މަރުހަބާ ވިދާޅުވެ، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާއާ އާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިންޑިއާގެ މިނިސްޓަރު އޮފް އާތް އެންޑް ސައިންސަސް ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ދެމެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

އިންޑިއާއަކީ، ދިވެހިރާއްޖެއަށް ކޮންމެހެން ބޭނުންތެރި ގާތް ރަހްމަތްތެރި ގައުމެއްކަން ފާހަގަކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާ "ނެއިބަހުޑް ފަސްޓް ޕޮލިސީ"ވަނީ ރާއްޖޭގެ ތަރައްގީއާ ގުޅިފައި ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމާއި، އަދި ދަތުރުތައް އިތުރުކޮށް އިންޑިއާގެ އިތުރު ސިޓީތަކަށް ދަތުރުތައް ފުޅާކުރުމުގައި، އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ކޯވިޑް-19ގެ ދަތިތަކުން އަރައިގަތުމުގައި އިންޑިއާ ސަރުކާރުން އެކިގޮތްގޮތުން ވެއްދެއްވި އެހީތަކަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ، އިންޑިއާއަކީ، ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި، ރާއްޖޭގެ އެންމެ ގާތް ބައިވެރިޔާކަން އިންޑިއާއިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި، އިންޑިއާގެ މިނިސްޓަރު އޮފް އާތް އެންޑް ސައިންސަސް، ކިރަން ރިޖިޖޫ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ދެބޭފުޅުންގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާ އިންޑިއާ އާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން ކުރިޔަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އަރުއްވަމުންނެވެ.