ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު، އޭގެ ބަދަލުގައި ޗައިނާ ސިފައިން ގެނެސް ރާއްޖޭގައި ބައިތިއްބަން ބޭނުންފުޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ހުވާ ކުރައްވާ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތްޕުޅު ފެއްޓެވުމަށް ހަމަޖެހިފައިވެ އެވެ. އަދި އުންމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ މަގު ޗާޓުގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނެ އެވެ.

އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަދެ، ދެ ގައުމުގެ ދޭތެރޭގައި ފިތެން ބޭނުންފުޅު ނުވާ ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކަމުގެ ތެރެއަށް ވެއްދުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"މިކަމުގެ ތެރެއަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ވެއްދުމަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަށް ފަހު، ރާއްޖެ އަށް ޗައިނާ ނޫނީ އެހެން ގައުމެއްގެ ސިފައިން ވެސް ގެނެސް ބޭތިއްބުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ޗައިނާއާ އެކުގައި ގާތް ގުޅުމެއް އޮތް ވާހަކަ ދޮގު ކުރައްވައި މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ސިޔާސަތަކީ "ޕްރޯ މޯލްޑިވްސް" ގެ ސިޔާސަތު ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ގައުމަކާ އެކީގައި މަސައްކަތް ކުރާނަން. އިންޑިއާ، ޗައިނާ އަދި ހުރިހާ ގައުމުތަކާ އެކުގައި ވެސް،" މިއަދު ހަވީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އުމުރުފުޅުން 45 އަހަރުގެ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް މަސައްކަތް ކުރާނީ ރަސްމީކޮށް މަޝްވަރާތައް ކޮށްގެންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު 50-75 އާ ދޭތެރޭގައި ހުރި ކަމަށް ލަފާ ކުރާ އިރު، ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ބޭތިއްބުމަށް ރައްޔިތުން، އެމަނިކުފާނަށް ވޯޓު ދެއްވާފައި ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުން އަޅުގަނޑަށް ވޯޓެއް ނުދޭ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ރާއްޖޭގައި ހަރަކާތްތެރިވަން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވެ، އިންޑިއާ ސަރުކާރާ މި ދަނީ ވާހަކަ ދައްކަމުން އެމީހުން ފޮނުވާލަން. އަޅުގަނޑަށް ޔަގީންކަން އެބައޮތް އޮމާންކަމާއެކީގައި އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އެކަން ކުރެވޭނެ ކަމަށް،"

އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން އުޅެނީ އެހެން ގައުމެއްގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ދިނުމުގެ ގޮތުން ނޫން ކަމަށް ވެސް ތަކުރާރުކޮށް މި އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރައްވާނީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.