އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު ބޭރުގެ ތިން ބަހަކުން އަޑުއެހޭނެ ކަމަށް އިންތިހާބީ ރައީސް އޮފީހުން ބުނެފި އެވެ.

އިންތިހާބީ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމަށް ހުވާކުރައްވާ ރަސްމިއްޔާތުގެ ތަރުޖަމާ ތިން ބަހަކުން ކުރިއަށްދާނެ ކަމަށެވެ.

"އެއީ އިނގިރޭސި، އަރަބި އަދި ޗައިނީޒް އިން. އެހެން ނަމަވެސް، އިންޓަނޭޝަނަލް ފީޑް ދޫކުރާނީ އިނގިރޭސި ބަހުން އެކަނި." އިންތިހާބީ ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މި ރަސްމިއްޔާތު ބެއްލެވުމަށް ވަޑައިގަންނަވާ ގައުމުތަކުގެ ބޭފުޅުންނަށް މި ތިން ބަހުގެ ތަރުޖަމާ ހެޑްސެޓް ބޭނުންކޮށްގެން އަޑުއެއްސެވޭނެ ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ގައުމަކުން މަންދޫބުން ބައިވެރިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެ އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މިއަދު ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އަދި އެމަނިކުފާނުގެ ކެބިނެޓް ހުވާކުރެއްވުން އޮންނާނީ މިރޭ 07:45 ގައި ރައީސް އޮފީހުގަ އެވެ.