މިއުޒިކްގެ ދާއިރާއިން ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ގްރެމީ އެވޯޑަށް އުމުރުން އެންމެ ދެ އަހަރުގެ ހޭޒަލް މޮނެޓް ނޮމިނޭޓް ވެއްޖެ އެވެ.

ހޭޒަލް ނޮމިނޭޓް ވެފައިވަނީ އޭނާގެ މަންމަ ވިކްޓޯރިއާ މޮނެޓްއާއި މަޝްހޫރު އާރް އެންޑް ބީ ގްރޫޕް "އާތު، ވިންޑް އެންޑް ފަޔާ"އާއެކު ހެދި ކޮލެބޮރޭޝަން އަކަށެވެ.

މިއާއެކު ހޭޒަލް ވެފައިވަނީ ގްރެމީގެ ތާރީޚުގައި ވެސް އެ އެވޯޑަށް ނޮމިނޭޓްވި އެންމެ ހަގު ފަންނާނަށެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ 1985 ވަނަ އަހަރުގެ އެވޯޑަށް ނޮމިނޭޓްވި އުމުރުން 8 އަހަރުގެ ޑިލިއޯން ރިޗާޑްސް އަށެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އުފަންވި ހޭޒަލް ގްރެމީއަށް ނޮމިނޭޓް ވެފައި މިވަނީ އުމުރުން ދެ އަހަރާއި ބައިގަ އެވެ.

ހޭޒަލްއާއި އޭނާގެ ޓީމުން އެވޯޑް ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ ތާރީހުގައި ވެސް ގްރެމީ އެވޯޑެއް ކާމިޔާބުކުރި އެންމެ ހަގު ތަރިއަށެވެ.

މިއީ ދިހަ އަހަރުން ދަށުގެ ކުއްޖަކު ގްރެމީއަށް ނޮމިނޭޓްވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެކި އަހަރުތަކުގައި އުމުރުން ހަގު ފަންނާނުން ގްރެމީއަށް ނޮމިނޭޓްވެފައިވެ އެވެ.