ދުނިޔޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ބޮއެންގް 787 މަރުކާގެ މަތިންދާބޯޓެއް އެންޓާޓިކާގެ ގަނޑު ފެންގަނޑުގައި ޖައްސައިފި އެވެ.

މިދިޔަ ބުދަ ދުވަހު އެންޓާޓިކާއަށް ޖެއްސި އެ މަތިންދާ ބޯޓަކީ މިހާތަނަށް އެ ބައްރަށް ޖެއްސި އެންމެ ބޮޑު ބޯޓެވެ. އެ ބޯޓަކީ 300 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ދުނިޔޭގެ އެންމެ ފިނިގަދަ ބައްރަށް ޖެއްސި އެ މަތިންދާ ބޯޓުގައި 45 އަށްވުރެ ގިނަ ސައިންސްވެރިންނާއި ދިރާސާވެރިން ހިމެނެ އެވެ. މިއީ އެންޓާޓިކާގެ އިތުރު ދިރާސާތައް ކުރުމަށްޓަކައި ދިޔަ ޓީމެކެވެ.

ބޮއެންގް އެއާކުރާފްޓެއް ކާމިޔާބުކަމާއެކު ގަނޑު ފެންގަނޑެއްގައި ޖެއްސުމަކީ އިންސާނީ ތާރީހުގައި ވެސް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށާއި މިކަމުން އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އެ ދަތުުރުގެ އިސް ބައިވެރިޔަކު ވިދާޅުވި އެވެ.

މި ދަތުރާއެކު ކުރިއަށް އޮތް ތަނުގައި އެކި ސައިޒުތަކުގެ ބޯޓުތައް ވެސް ޖައްސާނެ ކަމަށް ދަތުރު އިންތިޒާމްކުރި ޓީމުން ބުނެ އެވެ.