ޔޫޓިއުބްގެ އިންސްފްލުއެންސަރަކު ދިިރިހުއްޓާ އަމިއްލައަށް ބިމުއަޑީގައި ވަޅުލެވިގެން ހަތް ދުވަސް ހޭދަކޮށް ތަފާތު ސްޓަންޓެއް ޖައްސައިފި އެވެ.

މިސްޓަ ބީސްޓްގެ ނަމުން މަޝްހޫރުވެފައިވާ ޖިމީ ޑޮނަލްޑްސަން ބިމުއަޑީގައި ހަތް ދުވަސް ހޭދަކުރީ އޭނާގެ 212 މިލިއަން ސަބްސްކްރައިބަރުންނަށް ތަފާތު ކަމެއް ދައްކައިދިނުމުގެ ބޭނުމުގަ އެވެ.

މިސްޓަ ބީސްޓް ވަޅުލާފައިވަނީ އެތެރެ ފެންނަ ސަންދޯކެއްގައި ހަތް ދުވަހަށް ބޭނުންވާ ކާބޯތަކެއްޗާ ވެސް އެކުގަ އެވެ. ގަވާއިދުން އޭނާގެ ހާލު ބެލުމުގެ ގޮތުން ސަންދޯކުގެ އެތެރެ ވަށައިގެން ކެމެރާ ހަރުކުރެވުނެވެ.

ސަންދޯކުގައި ވަޅުލުމަށްޓަކައި މިސްޓަ ބީސްޓްގެ އެކުވެރިން ވަނީ ވަޅެއް ކޮނެ ސަންދޯއް އެ ވަޅަށް ލުމަށްފަހު އޭގެ މައްޗަށް 20000 ޓަނުގެ ވެލި އަޅާފަ އެވެ.

https://youtu.be/7dYTw-jAYkY

މި ހަތް ދުވަހުގެ ތެރޭގައި ބިމުގައި ތިބި އޭނާގެ ޓީމް މެމްބަރުންނާ ވާހަކަ ދައްކަން މިސްޓަ ބީސްޓް ބޭނުންކުރީ ވޯކީ ޓޯކީ އެކެވެ.

މި ތަޖުރިބާއަށްފަހު މިސްޓަ ބީސްޓް ބުނީ ސަލާމަތީ ފިޔަވަޅުތަކާއެކު ވެސް އެއީ އޭނާގެ ހަޔާތުގައި އައި އެންމެ ބިރުވެރި ހަތް ދުވަސް ކަމަށެވެ.

ހަމައެއާއެކު އެ ތަޖުރިބާގެ ސަބަބުން އޭނާގެ ނަފްސާނީ ސިއްހަތަށް ވެސް އަސަރު ކޮށްފައިވާ ކަމަށް މިސްޓަ ބީސްޓް ބުނެފައިވެ އެވެ.

މިއީ މިފަދަ ސްޓަންޓެއް އޭނާ ޖެއްސި ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ވަނަ އަހަރުވެސް އޭނާ ވަނީ 50 ގަޑިއިރު ބިމުއަޑީގައި އޮވެ ސްޓަންޓެއް ހަދާފަ އެވެ.

މިސްޓަ ބީސްޓަކީ ޔޫޓިއުބްގައި މަޝްހޫރު ޝަހްސިއްޔަތަކަށް ވާއިރު އާމްދަނީގެ ގޮތުގައި ކޮންމެ މަހަކު އޭނާއަށް ފަސް މިލިއަން ލިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.