އިންޓަނޭޝަނަލް ރެޑް ކްރޮސްގެ ރައީސާ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާއާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. ޖެނީވާގައި ހުންނަ އިންޓަނޭޝަނަލް ރެޑް ކްރޮސްގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ އެ ޖަމާއަތުގެ ރައީސާ މިރިޔާނާ ސްޕޮލްޔަރިކް ގަތަރަށް ދަތުރު ކުރެއްވީ ދޯހާގައި ހަމާސްގެ ލީޑަރު އިސްމާއީލް ހާނިޔާ އާއި ބައްދަލުކުރައްވައި ގާޒާގެ އިންސާނީ ހާލަތާމެދު މަޝްވަރާ ކުރެވުމަށެވެ.
ރެޑް ކްރޮސްގެ ރައީސާ ވަނީ މި ދަތުރުފުޅުގައި ގަތަރުގެ ލީޑަރުންނާ ވެސް ވަކިން ބައްދަލުކުރައްވާފަ އެވެ. ގަތަރު ސަރުކާރަކީ ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމުގައި މަޝްވަރާކުރުމުގައި މެދުވެރިއެއްގެ ބައި ކުޅޭ ފަރާތެވެ.
ރެޑް ކްރޮސް އިން ދަނީ ގާޒާގައި ވަކި ފަރާތަކަށް ނުޖެހި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންނެވެ.
އެ ޖަމާއަތުން ވަނީ ގާޒާގައި ރަހީނުކުރި ބައެއް މީހުން މިނިވަންކުރުމާއި ބަލި މީހުން ގާޒާއިން ނެރުމުގައި ވެސް ހަރަކާތްތެރިވެފަ އެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސާގެ ބައްދަލުކުރެއްވުމުގައި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ވިދާޅުވެ، އެކަމާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވި އެވެ.
މި ބައްދަލުވުމަކީ ރެޑް ކްރޮސްއިން ގާޒާގެ މައްސަލައާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު ކުރިޔަށް ގެންދާ މަޝްވަރާތަކުގެ ބައެއް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ރެޑްކްރޮސްގެ ރައީސާގެ މި ދަތުރުފުޅުގައި ރަހީނުން ދޫކުރުމާ ބެހޭ ވާހަކަ ފަދަ އެއްވެސް ވާހަކައެއް ކުރިޔަށްދިޔަ ކަމަކަށް ނުވެ އެވެ.