ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ އަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަސްލަމް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަކީ މަޖިލިހުގެ ގަވައިދުގެ 256 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލިހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ކަމަށެވެ.

އަދި މަޖިލިހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ ފަޒުލް ކަމުގައި އެ ޕާޓީން އަންގަވާފައިވާތީ އެކަން އިއުލާން ކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި އަސްލަމް ވަނީ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ފަޒުލް އައްޔަން ކުރެއްވުމުން މަރުހަބާ ދަންނަވައިފަ އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފް ލޯކަލް ގަވަނަންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން އައްޔަން ކުރުމާއެކު މަޖިލީހުގައި އެ ދެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ ފަހަކަށް ވެއްޓިފަ އެވެ.

މަޖިލީހުގައި ބާކީ ތިއްބެވި ޕީޕީއެމްގެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ޕީއެންސީގައި ތިއްބެވީ ފަޒުލްގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފުތަރު މިހާރު އެކުލަވާލާފައި ވަނީ އެމްޑީޕީގެ 56 މެންބަރުންނާއި ޑިމޮކްރެޓްސްގެ 13 މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުންނާއި ޕީއެންސީގެ ތިން މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖޭޕީގެ ދެ މެންބަރުން އަދި މިނިވަން ހަތަރު މެމްބަރުން ހިމަނައިގެންނެވެ.