ފިލްމީ ދާއިރާގައި ދޭހަކުރި އުނދަގޫ ދަތުރާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލަށް ރޮވިއްޖެ އެވެ.
އިންޑިއާގެ ގޯގައި އޮތް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ސަނީ ޑިއޯލް ވަނީ އޭނާ ފިލްމީ ދާއިރާގައި ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ފިލްމީ ދާއިރާގައި ހޭދަކުރި އުނދަގޫ ދުވަސްވަރާ ބެހޭ ގޮތުންވެސް އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.
އެގޮތުން ރާޖްކުމާރު ސަންތޯޝީ، އަނިލް ޝަރުމާ އަދި ރާހުލް ރަވައިލްއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ސަނީ ބުނެފައިވަނީ ބައެއް ފިލްމުތައް ކާމިޔާބު ވިނަމަވެސް އަނެއް ބައި ފިލްމުތައް ކާމިޔާބު ނުވާ ކަމަށެވެ. އަދި ފިލްމީ ދާއިރާގައި އޭނާއަށް އިންސާފު ނުލިބޭ ކަމަށާއި އޭނާ ކުރާ މަސައްކަތުގައި އަގު ވަޒަން ނުކުރާ ކަމަށްވެސް ސަނީ ބުންޏެވެ.
"އެކަމަކު އަހަރެން ދޫނުދެން. އަހަރެން އަބަދުވެސް ކުރިއަށް ހިނގައިގަތީ. އަހަރެން ފިލްމްތަކާ ގުޅުނީ ތަރިއަކަށް ނޫނީ އެކްޓަރަކަށް ވާން ބޭނުންވާތީ. ބައްޕަގެ ފިލްމުތައް ބެލިއިރު އަހަރެންވެސް ބޭނުންވީ ފިލްމުތައް ކުޅެން.". އޭނާ ބުނެފައިވެ އެވެ.
ސަނީ ބުނީ އޭނާއަށް އެހީތެރިވީ އެންމެންނަށް ޝުކުރު އަދާކުރާކަމަށެވެ.
ސަނީ ޑިއޯލްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ފިލްމަކީ "ގަދަރު 2" އެކެވެ. އަދި އެފިލްމަކީ ސަނީގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.