އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހުމާން ތިން މަހަށް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ ގްރޭސް ނަމަކަށް ކިޔާ ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އެންމެ ފުރަތަމަ އޭނާގެ ފިރިމީހާ އުމުރުން 29 އަހަރުގެ މާވިން ހައްޔަރުކޮށްފައިވާއިރު، އެއަށްފަހު މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މާވިންގެ ލޯބިވެރިޔާ ލަމްހާ އެވެ.

އެގޮތުން މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލުމަށް ނިންމީ ޝަރުތުތަކާއެކު ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އެއީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

ލަމްހާ ދޫކޮށްލަން ކޯޓުން މިއަދު އަމުރު ކުރިއިރު، އެންމެ ފަހުން އޮތް އަޑުއެހުމުގައި، އޭނާގެ ފަރާތުން އެދިފައިވަނީ ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށް ދިނުމަށެވެ. ނަމަވެސް ކޯޓުން މިއަދު ލަމްހާ ދޫކޮށްލަން ނިންމުމުގައި ޓެގް އެޅުވުމާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ، ލަމްހާ ބަންދުން ދޫކޮށްލަން ނިންމެވީ މިހާތަނަށް އައިރު ގިނަ ބައެއްގެ ހެކިބަސް ނަގާފައިވުމާއި ޝަރީއަތް ދިގުލައިގެން ގޮސްފައިވާތީ އެވެ.

އެމައްސަލައިގައި ލަމްހާ މިހާތަނަށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓް ގައި މަސައްކަތް ކުރި ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ އައިޖީއެމްއެޝް ކެޝުއަލްޓީގައި މަސައްކަތް ކުރި ދެ ނަރުހުންނެވެ.