މާލެއަކީ ދިވެހި ރާއްޖޭގެ ވެރިކަންކުރާ ރަށެވެ. އެކި ބޭނުންތަކުގައި ފަތުރުވެރިންނާއި އެހެން ބިދޭސީން އައިސް ގޮސްވެ އުޅޭ ކާރުބާރޫ ބޮޑު ސިޓީ އެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ރާއްޖޭގެ މަލަ އެވެ.
އެހެން ނަމަވެސް މާލޭގެ މަގުމަތި މިއަދު އޮތީ ބޭރުން އަންނަ ފަތުރުވެރިޔާއަށް އެންމެ ރީތި ގޮތަށްތޯ ސުވާލު ކުރަން ޖެހެ އެވެ. އެ މަގުތަކުން އެ މީހުންނަށް ފެންނަ މަންޒަރުތަކަކީ އެންމެ ރީތި ގޮތްތޯ ސުވާލު ކުރަން ޖެހެ އެވެ.
ދަންނަވަން މިއުޅެނީ މާލޭގެ މަގުތަކުގެ އެކި ސަރަހައްދުތަކުން ފެންނަ ރަތް ކުޅުގެ ލައްތަކުގެ ވާހަކަ އެވެ. ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ފައިދަށުން މަރުހަބާ ކިޔާ ހައްޕުނޑުގެ ވާހަކަ އެވެ.
ގެއިން ނުވަތަ ހޮޓަލުން އަނގަ މީރުކޮށް ދުފާލައިގެން ނުކުމެވެނީ މަގުމައްޗަށެވެ. އަނގަ ހެޔޮވަރު ވުމުން ބާކީވާ ހައްޕުނޑުގަނޑު އުކާލަން ފެންނަނީ އެންމެ ކައިރީގައި ހުރި ކާނުގަނޑެވެ. ނުވަތަ ޕޭމަންޓެވެ. މިއީ މިއަދު ބައެއް ދިވެހިންގެ ހާލަތެވެ.
ވިސްނާލައިފި މީހަކަށް މިއީ ކިހާވަރެއްގެ ކަމެއްކަން އެނގިގެންދާނެ އެވެ. އެކަމުގެ ސަބަބުން ނުކުންނަ ސިއްހީ އަދި އިޖުތިމާއީ މައްސަލަތައް ވިސްނޭނެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް މަގުމައްޗަށް ކުޅުޖެހުމަކީ އެކި ކަހަލަ ބަލިތަކަށް ހުޅުވޭ ދޮރެކެވެ. ކުޅު ޖަހާފައި ހުންނަ ތަންތަނުގައި ޖަރާސީމު ފަސޭހައިން އަށަގަންނައިރު އެއީ ބަލިތަކުގެ ހާއްޔަކަށް ނޫނީ ނުވާނެ އެވެ.
ދެން އޮތީ އިޖުތިމާއީ މައްސަލަތަކެވެ. ގެއިން ނުކުންނައިރު މަރުހަބާ ކިޔަނީ ކުލަގަދަ ރަތް ކުޅުގަނޑެކެވެ. ހަޑިވަނީ އަނެކުންގެ ގޯއްޗާއި އެ ގޯތީގެ ވަށައިގެންވާ ސަރަހައްދެވެ.
ކޮންމެއަކަސް ބުނަން މިއުޅޭ ވާހަކައަކީ މަގުމައްޗަށް ކުޅު ޖެހުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމެވެ. އަނެކުންގެ ހައްގަކަށް އަރައިގަތުން ފަދަ ކަމެކެވެ. ސާފު މާހައުލެއްގައި އުޅުމުގެ ހައްގެވެ. ބަލިތަކުން ރައްކާތެރިވެ ތިބުމުގެ ހައްގެވެ.
އުސް އިމާރާތްތަކާއި ދިގު ބްރިޖުތަކަކީ ތަރައްގީއާއި ތަހުޒީބުގެ ހަމައެކަނި އުސްލޫބުތަކެއް ނޫނެވެ. ހަގީގީ ތަހުޒީބަކީ އިންސާނުންގެ އަހުލާގާއި އުޅުމެވެ.
މިފަދަ ކަންކަން އިސްލާހު ނުކުރެވި ދިވެހިން ބޭނުންވާ ތަރައްގީއާއި ތަހުޒީބުގެ ޒަމާނެއް ނުފެންނާނެ އެވެ. އެހެން ނޫންނަމަ އާވާނީ އިމާރާތްތަކެވެ. އިންސާނުން ތިބޭނީ ހަމަ މީގެ ގަރުނެއް ކުރިން ވެސް ތިބި ހިސާބުގަ އެވެ.
ބައްލަވާ މިހާރު އެއީ ދިވެހިންގެ ނާ ތަހުޒީބު ކަމެއްނޫން. މިހާރު ރާއްޖޭގައި ހޮޓާ ހިންގަނީ ހޮޓަލަށް ވަންނަނީ އިންޑިޔާމީހުނާ ބަންގްލާދޭޝް މީހުން. ދިވެހިންނަށްވުރެ އެމީހުން ދުފާލެއްގިނަ. ބާރުވެސްގަދަ މިގައުމުގާ. އެއީ މައްސަލަ.