އޮސްޓްރޭލިއާގެ ނެޓްފިޓް ނެޓްބޯލް، ގްރީން ސްޓްރީޓްސް ނެޓްބޯލް އަދި އެމްވީ ނެޓާސްއާ ގުޅިގެން ކުރިއަށް ގެންދާ "ގާލްސް ކޭން" ކެމްޕެއިންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ނެޓްފިޓް ނެޓްބޯލްއަކީ 100،000 އަށް ވުރެ ގިނަ މެމްބަރުންނާ އެކު ދުނިޔޭގެ އެއްވަނަ ނެޓްބޯޅަ ޑިޖިޓަލް ޕްރޮގްރާމެވެ. މިގޮތުން އެ ކުންފުންޏާއެކު ރާއްޖޭގައި ކުރިއަށް ގެންދާ މި ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވައި ކުޅިވަރުގެ ޒަރިއްޔާއިން އަންހެން ކުދިން ބާރުވެރިކުރުވުމެވެ.

އެގޮތުން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ އެލީޓް ނެޓްބޯޅަ ކުޅުންތެރިން ކަމަށްވާ ސާރާ ވޯލް – ނެޓްފިޓްގެ ސީއީއޯ އަދި ފައުންޑާ އަދި ޝާރނީ ނޮޑަ ރާއްޖޭގައި އޮންސައިޓް ޓްރެއިނިން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ނެޓްބޯޅަ އެކަޑަމީތަކުގެ ކްލިނިކްތަކާއި، ކޯޗިން ވޯކްޝޮޕްތައް އަދި ނެޓްބޯޅަ ކްލަބްތަކާއި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމާ އެކު ވެސް ސެޝަންތައް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ސްކޫލްތަކަށް އަމާޒުކޮށްގެން ޒުވާން ކުޅުންތެރިންނަށް މާސް ކްލާސްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ކްލާސްތަކުގެ ޒަރިއްޔާއިން ޒުވާން ނެޓްބޯޅަ ކުޅުންތެރިންނަށް އާ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޒުވާނުން ބާރުވެރިކުރުވައި އެފަރާތްތަކަށް އެކި ފުރުސަތުތައް މަގުފަހިކޮށްދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާއެކެވެ. މީގެ އިތުރުން މިފަދަ ކުޅިވަރު ހަރަކާތްތަށް ބާއްވާ އިންތިޒާމުކުރުމަށް އެއްބާރުލުން ދިނުމަކީ ދިރާގުން ދިވެހި ކުޅިވަރު ކުރިއަރުވައި ދިވެހި އެތުލީޓުންގެ ހުނަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ދިރާގުން ދަނީ ޒުވާނުން ބާރުވެރިކޮށް އަދި ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތައް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެމުންނެވެ.