ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންނެވި އިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔާމީން ވެސް ވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފަ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ޔާމީނަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅަކަށްވާތީ އެމަނިކުފާނުގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ ޖަމީލްގެ އިތުރުން ކުރީގެ މިނިސްޓަރު އަދި ޑރ. ޖަމީލަށް ބޮޑުބޭބެ ވިދާޅާ މުހައްމަދު މަލީހް ޖަމާލެވެ.

ޖަމީލްގެ އިތުރުން މަލީހް ވެސް ގެންދަވަނީ ޕީޕީއެމާއި އެ ޕާޓީގެ ލީޑަޝިޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެންމެ ބޮޑު މައްސަލައަކަށްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ރައީސް ޔާމީން ބާކީކޮށްލެއްވުމެވެ. އަދި ރައީސް ޔާމީން ގުޅުއްވީމަ، ރައީސް މުއިއްޒު ފޯން ވެސް ނުނަންގަވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.