ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާ ކާމިޔާބީގެ ރަން ޒަމާނެއް މިސަރުކާރުން ގެނެސްދެއްވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ނޫސްވެރިންގެ އިނާމު 2022" ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކުރިއަށްދިޔަ މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން، މީޑިއާ އާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. މިގޮތުން، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުމާއި، އޮފީސް ހަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދެއްވުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތައުލީމުދީ، ގާބިލް ނޫސްވެރިން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުމާއި، ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާ އެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާ އެކު ކަންކަން ހާމަކުރެއްވުން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކުރިއާ އަޅައިބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މި ޒަމާނުގައި ބޮޑުވެފައިވާ މިންވަރަށް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށް ވެސް މިހާރު ފަސޭހަކަމާ އެކު ހަބަރެއް ފަތުރާލެވިދާނެކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެ ވެސް ހުރިހާ ފަރާތެއް ހާމަކޮށް، ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގުތައް ހިފެހެއްޓުންފަދަ ހުރިހާ ކަމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއް ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނޫސްވެރިންގެ ގައުމީ ޒިންމާ އެހެން ޒަމާންތަކަށްވުރެ މިއަދު ބޮޑު ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ނައިބު ރައީސް ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހު ކޮށްދެއްވައިފަ އެވެ. އަދި 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނު ދައުރު ނޫހުގެ އަހްމަދު ނާއިފަށް އެމަނިކުފާނު އިނާމު ހަވާލުކޮށްދެއްވި އެވެ.