ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް އަލަށް އެކުލަވާލި ޕޮލިސް ބޯޑުން އެ މައްސަލަ އަނބުރާ ގެންދަން ނިންމައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލި ޕޮލިސް ބޯޑުން ބައެއް މެންބަރުން ވަކިކޮށް، މިދިޔަ ހަފުތާގައި ވަނީ އާ މެންބަރުން އައްޔަންކޮށްފަ އެވެ. މި ބަދަލާ އެކު ހަތް މެންބަރުންގެ ބޯޑުން މިހާރު ވަނީ ހައި ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންދަން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ޕޮލިސް ބޯޑުން ހަތް އޮފިސަރަކު ވަކިކުރަން ވަނީ ނިންމައިފަ އެވެ. އޭރު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ޕޮލިސް ބޯޑުން އޮފިސަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެން އޮފިސަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން ނިންމީ އޮފިސަރުން ވަކި ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. މިއާއެކު ޕޮލިސް ބޯޑުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގަައި ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން އަލަށް އެކުލަވާލި ޕޮލިސް ބޯޑު ވަނީ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދުމަށް ނިންމައިފަ އެވެ.

އާ ޕޮލިސް ބޯޑުން ކުރީގެ ނިންމުން ބަދަލުކޮށްފައި ވާއިރު އާ ސަރުކާރާ އެކު ފުލުހުންގެ އިސް މަގާމުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ރިޓަޔަކުރައްވާފައިވާއިރު އެ މަގާމަށް ހަމަޖައްސާނީ ވަކިކުރަން ނިންމި ބޭފުޅުންގެ ތެރެއިން އޮފިސަރެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މަންނާން އަބްދުލްޔޫސުފާއި އަލީ ރަޝީދު ވެސް އިއްޔެ ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފަ އެވެ.