ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރަސްމީކޮށް މިއަދު އެދިއްޖެ އެވެ.

ޔާމީންގެ ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އަށް ރަސްމީކޮށް އެދުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އެމަނިކުފާނު ވަރަށް ލޯބިވާ ޕީޕީއެމް ބަޔަކު ފޭރިގެންފައިވާތީ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ދިވެހި ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް މިވަގުތު އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

"ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަސް ތެރޭގައި އެމަނިކުފާނަށް އެކި ގޮތް ގޮތުން ވަރަށް ބޮޑެތި ގޯނާތައް ކުރަމުން ދަނީ. އޭގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް އެމަނިކުފާނަށް ކުރިމަތިވެގެން ގޮސްފައި ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ބޭ އިންސާފު ޝަރީއަތުގެ ސަބަބުން ކަން ފާހަގަކޮށްލަން. އެކަމުގެ ސަބަބުން އެމަނިކުފާނުގެ އިންތިހާބީ ހައްގު ވަނީ ގެއްލިފައި. އަދި އެމަނިކުފާނުގެ ޕާޓީ މި ވަނީ ބަޔަކު އެމަނިކުފާނުގެ އަތުން ވަގަށް ނަގާފައި،" މިކަމުގެ އެންމެ އަޑީގައި ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ކަން ފާހަގަ ކުރައްވައި މަލީހް ވިދާޅުވި އެވެ.

މަލީހް ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާ ހުރިހާ އެންމެން ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ. އަދި ޕާޓީ އުފެއްދުމަށްޓަކައި އީސީގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ. ހުއްދަ ލިބުމާ އެކު، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. އެއީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕާ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ.