ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައެއް ގައުމުތަކަށް ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށާއި ބައެއް މުވައްސަސާތަކަށް އައްޔަން ކުރުމަށް ކުރީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަބުރާ ގެންގޮސްފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވި ނަންތަކުގެ އިތުރުން ހަތަރު ސަފީރެއްގެ ނަންވެސް އަނބުރާ މި ސަރުކާރުން ގެންގޮސްފައިވާ ކަމަށެވެ.

ނަން އަބުރާ ގެންދިޔަ ސަފީރުންނަކީ ބަންގްލާދޭޝަށް ކަނޑައަޅަން ފޮނުވި ޝިއުނީން ރަޝީދު، ޔުނައިޓަޑް އަރަބް އެމިރޭޓްސްއަށް ކަނޑައަޅަން ފޮނުވި މިދްފާ ނައީމް، ޕާކިސްތާނަށް ކަނޑައަޅަން ފޮނުވި ސެލީނާ ހަދީޖާ ނަޖީހާ އަދި ޗައިނާއަށް ކަނޑައަޅަން ފޮނުވި ހުދާ އަލީ ޝަރީފް އެވެ.

ރައީސް ސޯލިހްގެ ސަރުކާރު ބަދަލުވުމަށް ކައިރިވެފައިވަނިކޮށް މަޖިލީހަށް ފޮނުވި ނަންތައް މިސަރުކާރުން އަނބުރާ ގެންގޮސްފައިވާއިރު، މި މަގާމުތަކަށް އައްޔަނު ކުރާނެ ފަރާތްތައް އަދި މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

ގައުމުތަކަށް ސަފީރުން އައްޔަންކުރަން ރައީސް ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފައި ވަނިކޮށް އެ ނަންތައް މަޖިލީހަށް ފޮނުވުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.