އިންޑިއާގެ ސިނަމާތައް 100 ޕަސެންޓް ކެޕޭސިޓީއާއެކު ހުޅުވައިގެން، ފިލްމު އެޅުވުމުގެ ހުއްދަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެ ގައުމުގެ ޔޫނިއަން ގަވަމެންޓުން މިވަނީ ދީފަ އެވެ.
އެއާއެކު އިންޑިޔާގެ ފިލްމު އުފައްދާ މީހުން ވަނީ އުފަލުން ފޮޅިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދިނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ސިނަމާގައި ތިބެވޭނީ ފުލް ކެޕޭސިޓީގެ 50 ޕަސެންޓް މީހުން ކަމަށް އޭރު ކަނޑައެޅި އެވެ.
އޭރުއްސުރެ ފިލްމީ ދާއިރާގެ ގިނަ މީހުން ދިޔައީ އެ ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެގޮތުން ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި މީހުންނާއެކު ސިނަމާ ހިންގައިގެން އެ ވިޔަފާރިކުރާ މީހުންނަށް ވާނީ ގެއްލުން ކަމަށް ބުނަމުންދިޔަ އެވެ.
މިއާއެކު ބޮލީވުޑްގެ ބޮޑު ބަޖެޓު ފިލްމްތައް ވެސް ސިނަމާގައި އެޅުވުން ފަސްކޮށްފައިވެ އެވެ.
ސަރުކާރުން ފުލް ކެޕޭސިޓީގައި ސިނަމާ ހުޅުވުމުގެ ހުއްދަ ދިނުމުން ވަރަށް އަވަހަށް ބޮޑެތި ފިލްމުތައް އަޅުވަން ފަށާނެ ކަމަށް ބެލެވެ އެވެ.