ޕީޕީއެމް ދޫކޮށްލައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ އިލެކްޝަންސްގައި މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހުކުމެއް ތަންފީޒް ކުރަމުންދާތީ ރައީސް ޔާމީނަށް ސިޔާސީ ޕާޓީއެއް ހުއްދަ ނުދެއްވި އެވެ. އެކަމަކު ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާތީ ޕީޕީއެމްގައި ވެސް އެ މަނިކުފާނުގެ ގާނޫނީ ހައިސިއްޔަތެއް ނެތެވެ.

ރައީސް ޔާމީންގެ "ޕީޕަލްސް ނޭޝަނަލް ފްރަންޓް"ގެ ނަމުގައި، ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އިލެކްޝަންސް

ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބުނާގޮތުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުންގެ ސޮއި ހަމަކުރަން ޖެހެ އެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅުން ވަނީ އެ ހުއްދަ ލިބުމާއެކު ވަރަށް އަވަހަށް ސޮއިތައް ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ފަހު ހަމަ އެ ދުވަހު ވަނީ ޕާޓީގެ ނަމާއި އަސާސީ ގަވާއިދާއި ލޯގޯ ކަނޑައަޅާފަ އެވެ. އަދި ޕާޓީގެ ނަން އިއުލާނު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.