މިދިޔަ މަހު ޕެންޝަން ފަންޑުން 123.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ދޫކޮށްފައި ވަނީ އަސާސީ ޕެންޝަންގެ ފައިސާ އެވެ. އެގޮތުން 18،788 ޕެންޝަނަރުންނަށް 89 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ވެސް 4،110 ޕެންޝަނަރުންނަށް 20.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިޓަޔާމަންޓް ޕެންޝަންގެ ގޮތުގައި 1،472 މީހަކަށް 7.6 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ދައުލަތުގެ އެހެނިހެން ރިޓަޔާމަންޓް އިނާޔަތުގެ ގޮތުގައި 3،172 ޕެންޝަނަރުންނަށް ހަ މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ރިޓަޔާމަންޓް ޕެންޝަން ފިޔަވައި އެހެނިހެން ޕެންޝަންތަކާއި އިނާޔަތްތަކަކީ ދައުލަތުގެ ބަޖެޓުން ދޭ ޕެންޝަނާއި އިނާޔަތްތަކެކެވެ.