އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ޓިކެޓު ދޭން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ބުނީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައި ވަނީ ކޮންމެ ދާއިރާކުން އެއް ކެންޑިޑޭޓް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި ދާއިރާތަކަށް ކުރިމަތިލި ބޭފުޅުންނަށް ޓިކެޓު ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ކަމުގެ މަގާމަށް އާޒިމް އެކަނި ކުރިމަތިލައްވާފައިވާތީ އޭނާއަށް ވެސް ވަނީ ޕްރައިމަރީއަކާ ނުލާ އެ ޕާޓީގެ ޓިކެޓް ވަނީ ލިބިފަ އެވެ.

ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބުނު އިތުރު ފަރާތްތައް:

– މެދު ހެންވޭރު ދާއިރާ – އަހުމަދު ރިޝްވާން ރަޝީދު – ހ. ވޭމައުތު / މާލެ– ހެންވޭރު ދެކުނު ދާއިރާ – ހައްވާ ނިޙްލާ – ހ. ތަރަބޫޒުގެ / މާލެ– މާފަންނު ދެކުނު ދާއިރާ – އަހުމަދު އިމްރާން – މ. ފަޅުމަތީގެ / މާލެ

އާޒިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން އުފެދުނު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން އާޒިމް ކުރެއްވި އެވެ.

އާޒިމްގެ ދައުރުގައި އެމްޓީސީސީ އަށް ހޯދުނު އެންމެ މުހިންމު އެއް ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ފަހަރާ ގިނަ މަޝްރޫއުތަކެއް ފަށައި، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމާލެވުމެވެ. މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، މުޅި ރާއްޖެ އާރުޓީއެލް ފެރީގެ ހިދުމަތުން ރާއްޖެ ގުޅާލުމަށް ފެށި މަސައްކަތް ވެސް ފާހަގަކޮށްލެވެ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަހުގެ 17 ވަނަ ދުވަހު ރައީސް ކަމަށް ވަޑައިގަތުމުންނެވެ. ރައީސް މުއިއްޒާއެކުގައި މާލެ ސިޓީގެ ތިން ގޮނޑިއެއް ވަނީ ހުސްވެފަ އެވެ. އެއީ އެ ގޮނޑިތައް ތަމްސީލް ކުރެއްވި ބޭފުޅުން އިސްތިއުފާ ދެއްވައި ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް މިހާތަނަށް އައިއިރު ޝައުގުވެރިކަން ފާޅު ކުރެއްވެވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދެވެ. އޭގެ ތެރެއިން ސައިފަށް ޑިމޮކްރެޓްސް އިން ވަނީ ޓިކެޓު ދީފަ އެވެ.

މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 13 ގައެވެ.