\

ބަރުދަން ލުއި ކުރުމުގެ ނަމުގައި ގަޑިން ގަޑިއަށް ކާންޖެހޭ ކެއުންތައް ނުކައި ދޫކޮށްލެވޭ ފަހަރު އާދެ އެވެ. އެގޮތުން އެންމެ ގިނައިން ފަރުވާުކުޑަ ކުރެވޭ ކެއުމަކީ ރޭގަނޑުގެ ކެއުމެވެ. ސުވާލަކީ މިގޮތަށް ނުކައި ހައިބަނޑާ އޮވެ ނިދުމަކީ އެންމެ ރަނގަޅު ގޮތްތޯ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި ނިދުމުގެ ވަކި ވަގުތެއް ކުރިން ކެއިންބުއިން ހުއްޓާލުމަކީ ރަނގަޅު އާދަ އެކެވެ. ދުވާލު ތިންގަޑި ހަމައަށް ފައިދާހުރި ކާނާ ކާނަމަ ރޭގަނޑު ނުކެއުމަކުން މައްސަލައެއް ނެތެވެ.

އެގޮތުން ރޭގަނޑު ކާންވާ ކެއުން އިރު އޮއްސޭ ވަގުތު ކެއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް މާހިރުން ވިދާޅުވެ އެވެ. މިގޮތުގެ މަތިން ހަށިގަނޑަށް ހަކަތަ ލިބި ރޭގަނޑު ކެއުމުން ލިބޭ ގެއްލުންތައް ވެސް ނެތިދެ އެވެ.

އެހެން ނަމަވެސް ދުވަހުގެ އެންމެ ފަހު ކެއުމަކަށް މެންދުރުގެ ކެއުން ހަދައި އޭގެ ފަހުން އެއްވެސް ވަރަކަށް ނުކައި ހުރުމަކީ ތަޖުރިބާކާރުން އެއްވެސް ވަރަކަށް ލަފާދޭ ކަމެއް ނޫނެވެ.

އެއީ ހަށިގަނޑުން ހަކަތަ ހުސްވެ ބަނޑުގައި ވައި ހެދުން ފަދަ ސިއްހީ ގިނަ މައްސަލަތަކާ ކުރިމަތިވާ ކަމެއް ކަމަށް މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކަ އެވެ.

އެހެން ކަމުން ތިބާގެ ޑައިޓަކީ "ނޯ ޑިނާ" ޑައިޓެއް ނަމަ ޑައިޓާމެދު އަދި އެއްފަހަރު ވިސްނާލާށެވެ. ނުވަތަ ތަޖުރިބާކާރެއްގެ އެހީ ހޯދައި ފަންނީ ލަފާ ހޯދާށެވެ.