މާލެ އާއި އައްޑޫ ސިޓީގައި ދެ ގްރޫޕެއް ދެމެދުގައި ހިނގި މާރާމާރީތަކާ ގުޅިގެން ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަތަރު މީހުން ހައްޔަރު ކުރީ ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

އެ މާރާމާރީގައި އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އިރު، ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެ އެވެ.

މާލޭގައި ވެސް މިދިޔަ ހަފްތާގައި ގްރޫޕް މާރާމާރީއެއް ހިންގާފައިވެ އެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކުރި އިރު، އެމީހުން އަދިވެސް ތިބ ބަންދުގަ އެވެ.

މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތެއް ފަށާފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.