އައްޑޫ ސިޓީ ހިތަދޫގައި އިތުރު މާރާމާރީއެއް ހިންގައި މީހަކު މިއަދު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު 15:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހަމަލާގައި ތޫނު އެއްޗަކުން ހަމަލާދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައި ވަނީ ގެއެއްގެ ތެރޭގަ އެވެ. ގްރޫޕަކުން ގެއަކަށް ވަދެ، ފިރިހެން މީހާ އަށް ވަޅިން ހަމަލާ ދިން އިރު، އޭނާ އަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހެޔެއް ވެސް ނެތެވެ.
އައްޑޫގައި ގްރޫޕް މާރާމާރީއެއް މިއަދު ހިންގި އިރު، މިދިޔަ ހުކުރު ދުވަހުގެރޭ ވެސް އެ ފަދަ މާރާމާރީއެއް ހިންގާފައިވެ އެވެ. އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ޒުވާނާ ޒަހަމްކޮށްލި ކަމުގެ ތުހުމަތަަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި ޒަހަމްވި މީހާ އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް އެވެ.
މާލެ އާއި އައްޑޫގައި ހިންގި ގޭންގު މާރާމާރީތަކާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.