ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ވަޒީފާ އަދާކުރަން މައިން ގިނަ އެވެ. ބަފައިންނާއި އެއް ހަމައެއްގައި މައިންނަށް ވަޒީފާ އަދާކުރުމަށް ގިނަ ގައުމުތަކުން ފުރުސަތުތައް ވެސް ވަނީ ފަހިކޮށްދީފަ އެވެ. އެހެން ނަމަވެސް ވަޒީފާއެއް އަދާ ކުރަމުން ދަރިން ބެލުމަކީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމެކެވެ.
މަސައްކަތުގެ މާހައުލަކީ ބަދަލުވަމުން ދާނެ މާހައުލެކެވެ. ހާއްސަކޮށް އޮފީސްތަކުގައި ނުވަތަ މަތީ މަގާމެއްގައި އުޅޭ މީހަަކަށް މިއީ ޔަގީނުންވެސް ބުރަ ޒިންމާ ބޮޑު މަސްއޫލިއްޔަތަކަށް ވާނެ އެވެ. އޭގެ ތެރެއިން ވެސް ވަޒީފާ އަދާކުރާ އަންހެނުންގެ ތެރެއިން މައިންނަށެވެ.
ސޯސިއޮލޮޖިސްޓެއް ކަމަށްވާ ކޭޓްލިން ކޮލިން ވަނީ މަސައްކަތްކުރާ މައިންނަށް ދިމާވާ އެކި މައްސަލަތަކާ މެދު ވާހަކަ ދައްކާފަ އެވެ. އެގޮތުން އާއިލާއާއި ދަރިންނަށް ވަގުތު ދިނުމަށްފަހު އެމީހުންގެ އަމިއްލަ ކަންކަމުގައި މަސްއޫލުވެ އުޅުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ހާއްސަކޮށް އަހަރެމެން ދިރިއުޅޭ މި މުޖުތަމައުގައި އާއިލާގެ ޒިންމާއާއި ދަރިންގެ ޒިންމާއަކީ ހަމައެކަނި މަންމަ އަދާކުރަންޖެހޭ ކަމެއްކަމަށް ދެކެވިފައި އޮތުމަކީ އެންމެ ބޮޑު މައްސަލަ އެވެ. ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތުން ދެމަފިރިން ވަޒީފާ އަދާކޮށްގެން ނޫނީ ހަރަދު ފޫނުބެއްދޭތީ ގިނަ މައިންނަށް ވަޒީފާ އަދާކުރަން ޖެހުނު ނަމަވެސް ގެއާއި އޮފީހުގެ މަސައްކަތަތަކުގެ ބެލެންސް ހިފެހެއްޓުމަކީ އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ.
ވަޒީފާއަށްފަހު ގޭތެރޭގައި ކަންކަމުގައި މަސްއޫލުވެ އުޅެން ޖެހުމުގެ ސަބަބުން މައިންގެ ސިކުނޑިއަށް އަރާމުދޭން ޖެހޭވަރަށް އޮންނަނީ ނުދެވިފައެވެ. އަދި އެކަމުގެ ސަބަބުން މަސައްކަތްތައް ދޭންޖެހޭ ވަރަށް ސަމާލުކަން ނުދެވުން އެއީ ސްޓްރެސްވުމަށް ދިމާވާ ސަބަބެކެވެ.
އެެހެންކަމުން އާއިލާއެއް ބިނާކުރުމަށް މައިންނާއި އެއްވަރަށް ބަފައިންގެ ހިއްސާވެސް އޮންނަޖެހޭކަމަށް ކޭޓްލިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ދެމީހުންވެސް ދަރިންނާއި އެކު ލިބޭ ހުސްވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެކެވެ.