މި އަހަރު ސަރުކާރުގެ ހަރަދުގައި 50 މީހަކު ހައްޖަށް ފޮނުވުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒު މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް މުއިއްޒު ވިދާޅުވީ ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

އަދި މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި، އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން, ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރައްވާނީ، ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ވިދާޅުވި އެވެ.

އަދި މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި، އުއްމީދަކީ ފަސް އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.