ހުޅުމާލޭގެ ހިޔާ ޓަވަރުގައި ރޭގައި ހިނގި މާރާމާރީ އާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި 22 އަހަރުގެ މީހާއަށް ދަނީ ހުޅުމާލޭގެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި މާރާމާރީއަކީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ހިނގި މާރާމާރީއެއް ކަމަށެވެ.

ވަޅިން ހަމަލާ ދީފައި ވަނީ ހިޔާގެ ހަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ގައެވެ.

އާއިލީ ހަމަނުޖެހުންތަކުގެ ތެރޭގައި ތޫނު އެއްޗެއްހިން ހަމަލާދީ ޒަހަމްކޮށްލުން ރާއްޖޭގައި މިހާރު ގިނަ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި މީހުން މަރުވެފައި ވެސްވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އިއްޔެ މެންދުރު 2 ޖަހާކަށްހާއިރު މާލޭ އޯކިޑް މަގުގައި ހުންނަ ރޫޓް ފިހާރަ ކައިރިގައި ވެސް މާރާމާރީއެއް ވަނީ ހިނގައިފަ އެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު ފުލުހުން އަންނަނީ މި މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި ހިނގި މާރާމަރީއެއްގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މި މާރާމާރީ އާ ގުޅިގެން މިހާތަނަށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީގައި މާރާމާރީތައް އިތުރުވުމާ ގުޅިގެން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.