ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބޭރު މީހުންގެ އިތުބާރު ރާއްޖެއާ މެދުގައި އުފެދޭނީ ރީތި އަހުލާގެއް އަދި ތަހުޒީބު ދިރިއުޅުމަކުން ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި އެ ނޫން ވެސް ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމަންޓުތައް ލިބޭނީ ބޭރު ދުނިޔޭގެ އިތުބާރު އާލާ ކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަން ޖެހޭ. އެއީ ދިވެހި ގައުމަށްޓަކައި ކުރާ ކަމަކަށް ވާން ޖެހޭ. ދިވެހިންގެ ސަލާމަތަށްޓަކައި ކުރެވޭ ކަމަކަށް ވާން ޖެހޭ. ދިވެހިންގެ ފުދުންތެރިކަމަށްޓަކައި ކުރެވޭ ކަމަކަށް ވާން ޖެހޭ. އަދި މި ފަހުރުވެރި ގައުމުގެ އަބުރާއި އިއްޒަތަށްޓަކައި ކުރެވޭ ކަމަކަށް އެކަން ވާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ނުވަތަ ހިޔާނާތުގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ ފަރާތަކާ މެދުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމުގައި އަޅުގަނޑުމެން އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި އަދި އިލްމީ ފެންވަރެއްގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.