ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާންއަކީ އޭނާގެ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރި އެކެވެ. އެގޮތުން ގަވާއިދުން އެކްސްގައި "އާސްކް އެސްއާރްކޭ"ގެ ނަމުގައި ސެޝަންތަކެއް ހިންގަ އެވެ.

މި ސެޝަންތަކުގެ ތެރެއިން ސަޕޯޓަރުން އޭނާއާ އެކި ކަހަލަ ސުވާލުތައް ކުރާއިރު އެ ސުވާލުތަކަށް އޭނާ ޖަވާބުދެ އެވެ. އޭގެ ތެރޭގައި ފާޑުކިޔުންތަކާއި ތައުރީފް ވެސް ހިމެނެ އެވެ.

އެގޮތުން އެންމެ ފަހުން ޝާހު ބޭއްވި ސެޝަންގައި މީހަކު ވަނީ ޝާހުގެ އެންމެ ފަހުން ނުކުތް ދެ ފިލްމު ކަމަށްވާ "ޖަވާން"އާއި "ޕަތާން"އަށް ފާޑުކިޔާފަ އެވެ.

ފާޑުކިޔުމުގެ ގޮތުން ކޮށްފައިވާ އެ ސުވާލުގައި އެ މީހާ ބުނެފައިވަނީ ޖަވާންއާއި ޕަތާން ބްލޮކްބަސްޓާއަކަށް ވެފައިވަނީ ޝާހުގެ ޕަބްލިކް ރިލޭޝަން ޓީމުގެ ސަބަބުން ކަމަށާއި އެ ފިލްމުތަކަކީ އެހާ މޮޅު ފިލްމުތަކެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކުރިއަށް އޮތް ޑަންކީ ވެސް ކާމިޔާބު ކުރެވިދާނެތޯ އެ މީހާ ސުވާލު ކުރެ އެވެ.

އެއަށް ޖަވާބު ދެމުން ޝާހު ބުނެފައިވަނީ އޭނާއަކީ އެފަދަ "މޮޅު" ސުވާލުތަކަށް އޭނާ ޖަވާބު ނުދޭ ކަމަށާއި އެހެން ނަމަވެސް އެ ސުވާލަށް ޖަވާބު ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ނުބައިކޮށް ވިސްނުމަކީ ބައްޔެއް ކަމަށާއި އެ ބައްޔަށް މޮޅު ބޭހެއް ފޮނުވަން ޕަބްލިކް ރިލޭޝަން ޓީމަށް އަންގާނެ ކަމަށް ޝާހި ބުންޏެވެ.

މިއަހަރު ނުކުތް ޖަވާންއާއި ޕަތާން ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލާފައިވާއިރު ޑިސެމްބަރު 21ގައި ނުކުންނަ ޑަންކީއަކީ ވެސް އެހާ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ.