އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތަށް ދިމާވި މައްސަލަ ތިން ދުވަސް ފަހުން ހައްލުކޮށް އަލުން ފެނުގެ ހިދުމަތްދޭ ފަށައިފި އެވެ.
ފެނަކައިން ބުނީ ރޭގެ ވަގުތެއްގައި އެ މައްސަލަ ހައްލުކޮށް ފެނުގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުނެ އެވެ.
މީގެ އިތުރުން ފެނަކައިން ބުނެފައިވަނީ އައްޑޫގެ ފެނުގެ ހިދުމަތް ކެނޑެން ދިމާވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް އެންމެ އެދެވޭ ގޮތެއްގައި ތާވަލާއި އެއްގޮތަށް ނުކޮށް ހުރުމުން ކަމަށެވެ.
އަދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ނިޒާމު އިންސްޕެކްޓްކޮށް، ހައްލު ކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގާފައިވާ ރިޕޯޓާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
"އައްޑޫ ސިޓީގައި މި ދިމާވި ފެނުގެ މައްސަލައަކީ ތާވަލު ކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެވިފައި ނުވާތީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އިންސްޕެކްޓުކޮށް، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަންގަވައި ފޮނުއްވާފައިވާ ރިޕޯޓަށް އެ އޮތޯރިޓީން ދެއްވާފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިވެ އެވެ،" ފެނަކައިން ބުންޏެވެ.
ފެން ޕްލާންޓަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަށް، އައްޑޫގައި ފެނުގެ ސްޓޯރޭޖް އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.