ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމަށް ހާއްސް "ފިޝަރީޒް ކޮލެޖެއް" ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލާ، މަސްވެރިކަން ތިޔާގި ކުރުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި އެކަމަށްޓަކައި މަސްވެރިކަން އިލްމުވެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.

މަސްވެރިންގެ ތަޖުރިބާއާއި ޒުވާން މަސްވެރިންނަށް ފޯރުވަންވީ ހުނަރާއި އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި އޮތް ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލް ކުރުމަކީ ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށާއި އެކަން ހާސިލްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމަށްޓަކައި މަސްވެރިން ތަމްރީން ކުރާ މަރުކަޒެއްް ނުވަތަ ފިޝަރީޒް ޓްރެއިނިން އިންސްޓިޓިއުޓެއް ގާއިމް ކުރާނަން. މިގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ގާއިމްވެގެންދާނެ." އެ މަސައްކަތް ހިނގަމުން އަންނަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ބާނާ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުގައި މަތީ އަގު ހޯދުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ބާނާ މަސް ގަންނާނެ އިތުރު ބާޒާރުތައް ހޯދައި މާކެޓްކޮށް، ޕްރޮމޯޓް ކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް އެ ބްރޭންޑް ބޭރު ގައުމުތަކުގައި އިޝްތިހާރުކޮށް މާކެޓް ކުރެވިގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސްގެ ވާހަކަފުޅުގައި މަސްވެރިންގެ ލާބަ އާއި މަންފާއަށް ސަރުކާރުން މިހާރު ފައްޓަވާފައިވާ ބައެއް ކަންކަމާއި ކުރިއަށް ރާވާފައިވާ އެކި ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވި އެވެ.