މި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އެއްބޭފުޅާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ފޮނަދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާތީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

"2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިހުލާސްތެރިކަމާ އެކު އެދެމެވެ،" ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވަނީ ފޮނަދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރު އަދާކުރައްވައިފަ އެވެ. ތިންވަނަ ދައުރަކަށް އޭނާ އެ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް އިންތިހާބުވެފައެއް ނުވެ އެވެ. މީގެ އިތުރުން އަބްދުއްރަހީމްއަކީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަނެވެ.

ފޮނަދޫ ދާއިރާގެ މެމްބަރުކަމުގައި މިހާރު ހުންނެވީ މޫސާ ސިރާޖެވެ. ސިރާޖަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވާ މެމްބަރެވެ. އޭނާ އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.