އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ އިރު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން އޯލެވެލް އެގްޒާމުގައި ފާސްވާ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކައިދެއެވެ. މަޖުބޫރު މާއްދާތަކުން ވެސް ފާސް ނުވެއްޖެނަމަ އޯލެވެލް އިމްތިހާނުގައި ފައިސާ ދައްކަން ޖެހެނީ އެ ދަރިވަރަކު އަމިއްލައަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހެ އެވެ.

ސާކިއުލާގައި ބުނި ގޮތުގައި އެ ބަދަލު ގެނައުމަށް ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށެވެ.