އަންހެން ބޭފުޅުންނަކީ ސިޔާސަތު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާންޖެހޭކަމަށް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މީރުމާ މާލަމުގައި މިއަދު ބޭއްވި "ރަންހިރު ދަރުބާރު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓްލޭޑީ ސާޖިދާ ވާހަކަފުޅުގައި ގައުމެއް ކުރިއަށްދިއުމުގައި އަންހެނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. ރާއްޖޭގައި އެކި މަސައްކަތްތަކުގައި އަދި ސިވިލް ސާވިސްގެ އެކި ވަޒީފާތަކުގައި އަންހެން ބޭފުޅުން ގިނަ ނަމަވެސް އަދިވެސް މަތީފަންތީގައި ލީޑްކުރުމުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުންކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި މިކަންކަން ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ރަންހިރު ދަރުބާރުގެ ތެރެއިން، އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދެކެވި މަޝްވަރާކޮށް، އެކަންކަމަށް ގޮތްތަކެއް ހޯދޭނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ރަންހިރު ދަރުބާރު ކުރިއަށްގެންދަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން ސިޓީތަކާއި އަތޮޅުތައް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ތަމްސީލުވާގޮތަށް ޖުމްލަ 46 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފޯރަމެއްގެ ގޮތުގަ އެވެ. މި ފޯރަމުގެ މަގްސަދުތަކުގެ ތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ލޯކަލް ގަވާނަންސް ނިޒާމުގެ ތެރޭގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުން ހިމެނެ އެވެ. އަދި އަންހެން ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ މެންބަރުނާ އެކުގައި މަޝްވަރާކޮށް ހިޔާލާއި މައުލޫމާތު ބަދަލުކުރެވޭނެ މަންސައެއް ގާއިމުކޮށްދިނުމާއި ޖެންޑާ ސެންސިޓިވް ސިޔާސަތުތަކާ ގުޅޭގޮތުން ވަކާލާތުކޮށް މަޝްވަރާކުރުން ހިމެނެ އެވެ.