އާސަންދައިގެ ހަރަދު ބޮޑުވާ އެންމެ ބޮޑު ސަބަބަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ފާމަސީތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުން އާސަންދަ ލިބޭ ގޮތަށް އޮތުން ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވެއްޖެ އެވެ.
އާސަންދަ ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީން ބައްދަލުވުމުގައި އާސަންދަ މެނޭޖިން ޑިރެކްޓަރު ޒީނިއާ ވިދާޅުވީ އެކުންފުނީގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭސްފަރުވާއަށް ވުރެ ބޮޑަށް ބޭސް ގަތުމަށް ކަަމަށެވެ.
ރާއްޖޭގެ ބޭސް ލިސްޓުގައި މިހާރު ވެސް 14000 އަށް ވުރެ ގިނަ ބްރޭންޑް ތަކުގެ ބޭސް އެބަހުރި ކަމަށާއި، އާސަންދައިން ދޫކުރަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އެޕްރޫވް ކޮށްފައިވާ ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތައް އެކަނި ކަމަށް ޒީނިޔާ ވިދާޅުވި އެވެ. އެގޮތުން އާސަންދައިގެ ހަރަދުގެ 56 ޕަސެންޓަކީ ބޭހަށް ކުރަން ޖެހޭ ހަރަދު ކަމަށް ޒީނިއާ ވިދާޅުވި އެވެ. އެ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ފަށާފައިވާކަން ފާހަގަ ކުރައްވަމުން ޒީނިއާ ވިދާޅުވީ މިހާރު ބޭސް ނެގޭނީ ފޯނަށް އަންނަ ކޯޑެއް ޖަހައިގެން ކަމަށެވެ. އަދި އެކަން ކުރީ ވެސް މަކަރު ހަދަން ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނިއާ ވިދާޅުވީ، ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގަނީ ޕްރައިވެޓް ހޮސްޕިޓަލުތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، ޕްރޮސީޖަރުތަކުގެ ހަރަދު ކުޑަ ނަމަވެސް ފައިނަލް ބިލް އަންނަ އިރު ވަރަށް ބޮޑުވާ ކަމަށެވެ. އެކަން ހެލްތް މިނިސްޓްރީން ކޯ-ޕޭމެންޓެއް ހަދާފައި ނެތުމުން އެކަން ކޮންޓްރޯލު ކުރެވޭނެ ގޮތެއް އާސަންދައަށް ނޯންނަ ކަމަށެވެ.
"މިސާލަކަށް ސިޒޭރިއަނަކަށް 1،000ރ. ކަނޑައަޅާފައި އޮންނަ އިރު ބަލިމީހާ ނުކުމެގެން އަންނަ އިރު އެބަ އަރާ ތިން ލައްކަ ވަރު. އެ ހަރަދުތައް ކުޑަކޮށްގެން، ހަމަ ރާއްޖޭން ބޭރަށް ކުރާ ހޭދަ ބައެއް ޕްރައިވެޓް ހޮސްޕިޓަލުތަކަށް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޒީނިއާ ވިދާޅުވީ ޕްރައިވެޓް ހޮސްޕިޓަލުތަކަށް ދާ ހޭދަ ކުޑަކުރެވޭނީ އައިޖީއެމްއެޗްގެ ހިދުމަތް ރަނގަޅުކޮށްގެން ކަމަށެވެ.
ޒީނިޔާ ވަނީ އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ. އަދި ރައްޔިތުންނަށް ވީހާ ވެސް ފަސޭހަ ނިޒާމަކަށް އާސަންދަ ނިޒާމް ހެދުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ޒީނިއާ ފާހަގަކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، އާސަންދައިގެ ހިދުމަތް ފުޅާކޮށް، އެ ސްކީމުގެ ދަށުން ހިލޭ ފަރުވާލިބޭ ދާއިރާތައް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އައިވީއެފްއާއި، ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސްގެ އިތުރުން އަހަރަކު ދެފަހަރު އާސައިންދައިގެ ދަށުން ކޮންމެ ރައްޔިތެއްގެ މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް ވަނީ ހަމަޖައްސަވައިފަ އެވެ.
މިކަމާ ގުޅިގެން ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒީނިއާ ވިދާޅުވީ އާސަންދައިގެ ދަށަށް އެ ފަރުވާތައް އިތުރުކުރިޔަސް ބަޖެޓަށް އެނގުންވާ ވަރުގެ ބޮޑު ބުރައެއް ނާންނާނެ ކަމަށެވެ. މިހާރު އެ ކުންފުނިން ކުރަންޖެހޭ ކަމަކީ އެ ފަރުވާތައް އާސަންދައިން ދިނުމާ ގުޅޭގޮތުން މިހާރު ލިޔެފައި ހުރި ގަވާއިދުތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހުރި ގަވައިދުތައް ބަދަލުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. މިހާރު ލިޔެފައި ހުރޭ ދަރިމައިވުމުގެ ފަރުވާ އެއްވެސް ވަރަކަށް ކަވަ ނުކުރެވޭނެ ކަމަށް،" ޒީނިޔާ ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް 1.7 ބިލިއަން ރުފިޔާ އާސަންދަ އަށް ވަނީ ހޭދަކޮށްފަ އެވެ. މި އަހަރު ނިމޭ އިރު އާސަންދަ އަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ކަނޑައަޅައިފަ އެވެ.