ރައީސް އޮފީހުގެ ތަރުޖަމާނަކަށް، ރާއްޖޭގެ މީޑިއާގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޝަހީބު އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ޝަހީބު އެ މަގާމަށް އައްޔަންކުރައްވާނެ އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ޝަހީބު ވިދާލާފައި ވަނީ ދުވަހު ނޫސް "ހަވީރު"ންނެވެ. އެ ނޫހުގައި އިސް މަގާމުތަކެއް އަދާކުރެއްވުމަށް ފަހުގައި ސަން މީޑިއާގެ ސީއީއޯގެ މަގާމު ވެސް ޝަހީބު އަދާކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޝަހީބު ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަން ކުރައްވައިފަ އެވެ. އެ ކޮމިޝަނުގައި ޝަހީބު ހުންނެވި ދުވަސްވަރު، ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ފަދަ ނިންމުންތަކުގެ ސަބަބުން ޝަހީބަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމާފައި ވަނިކޮށް އޭނާ ވަނީ 2019 އޮކްޓޯބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން އޭނާ ވަނީ "އަދިވެސް" ކިޔާ ނޫހެއް އުފައްދަވައިފަ އެވެ. މިފަހަކާ ޖެހެންދެން އޭނާ ހުންނެވީ އެ ނޫހުގެ ޗީފް އެޑިޓަރުގެ މަގާމުގަ އެވެ.