މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރަށް މި އަހަރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓު ގައި ވާ ގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،752،706 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ކޯވިޑުގެ ކުރިން 2019 ވަނަ އަހަރު އެވެ. އެއަހަރު ރާއްޖެއަށްވަނީ 1،702،831 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

މި ރިކޯޑާ އަޅާބަލާއިރު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 49،875 އިތުރުވެފަ އެވެ.

މި އަހަރު އަމާޒުހިފާފައި ވަނީ ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ އަދަދަށް ބަލާއިރު، މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 47،294 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،738 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

  • ރަޝިއާ – 197،364 ފަތުރުވެރިން
  • އިންޑިއާ – 193،693 ފަތުރުވެރިން
  • ޗައިނާ – 180،524 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 143،988 ފަތުރުވެރިން
  • ޖަރުމަނުވިލާތް – 127،618 ފަތުރުވެރިން

ރާއްޖޭގައި މިވަގުތު 1،135 ތަނެއް ވަނީ ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ހުޅުވައިފަ އެވެ. އަދި ބެޑް ކެޕޭސިޓީއަކީ 61،207 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.