އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލުއާންމާ ދެކޮޅުކަން ހާމަކުރުމަށާއި ފަލަސްތީނާއެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން ޒުވާނުން އިސް ނަގައިގެން މާދަމާ ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ފަލަސްތީނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން ދިވެހިން މީގެކުރިން ވަނީ ތަފާތު އެކި ހަރަކާތްތައް ހިންގައިފައެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި ބޮޑެތި އެއްވުންތައް ބޭއްވި އިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިން އިވެންޓުތައް ވެސް ބޭއްވި އެވެ.

މާދަމާގެ ހުކުރު ނަމާދަށް ފަހު 1:15 ގައި އެއްވުން ބާއްވަނީ، މާދަމާގެ ތާރީހާ ގުޅުވައިގެން، "ފަނަރަބާރަ"އިގެ ނަމުގަ އެވެ. އެއްވުން ފަށާނީ ޗާނދަނީ މަގާއި މަޖީދީ މަގާ ގުޅޭ ސަރަހައްދުންނެވެ. އެ ސަރަހައްދުން ހިނގާފައި އާޓިފިޝަލް ބީޗަށް ދާ އިރު، އެއްވުން ނިންމާލުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗުގައި ކުރާ ހާއްސަ ދުއާއަކުންނެވެ.

އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަނގުރާމަ ފެށީ މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ.

މި ހަމަލާތަކުގައި އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލްގެ ސިފައިން ހިމެނޭ އިރު، 240 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.